އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ، އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަވެސް އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
މީގެކުރިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި އެ ކޯޓުގެ ރަޖިސްޓްރާ ވިދާޅުވެފައިވަނީ އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
ރަޖިސްޓްރާގެ އެ ނިންމުން މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގެން އޮތް ނަމަވެސް، ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅީ މުޅިން އާ މައްސަލައެއްގެ ގޮތުގައެވެ.
މި ފަހަރުގެ މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން އެދިފައިވަނީ، އެ މަނިކުފާނުގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އެކަށީގެންވާ އަވަސް މިނެއްގައި ނިންމުމުގެ ހައްގު ނުލިބޭ ގޮތަށް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.
ނަމަވެސް ފުރަތަމަ މައްސަލަ ގޮތަށް ފަހުން މި ހުށަހެޅި މައްސަލަވެސް ކޯޓަށް ބަލައި ނުގަތުމަށް މިއަދު އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފައެވެ.
ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސްއެޅިފައިވާ ކަމަށް އެ މަނިކުފާނުންގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ކުރިއަށް ގެންދާލެއް ލަސްކަމުންނެވެ.
ޔާމީން 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ. އެ ހުކުމް ހައިކޯޓުގައި އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފު ކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެން އިސްތިއުނާފީ އަޑުއެހުންތައް އޮތީ މަޑުޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު