ރާއްޖޭގައި ސިމް ކާޑް ނެގޭނެ އަދަދު ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ލިމިޓުކޮށްފިއެވެ.

ކޭމް އިން މިއަދު ވަނީ "މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަމްބަރު ބޭނުންކުރުމާ ބެހޭ ގަވާއިދު" އާންމުކޮށްފައެވެ. އެ ގަވާއިދުގެ މަގުސަދަކީ މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަމްބަރު ދޫކުރުމާއި ނަމްބަރު ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައ،ި އެ ކަންކަން ބަޔާންކުރުމެވެ.

ގަވާއިދުގައިވާ ގޮތުން ކޮންމެ މީހަކަށް އެންމެ ގިނަވެގެން ދޫކުރެވޭނީ 10 ފޯނު ނަމްބަރެވެ. ރާއްޖޭގައި އުޅޭ ބިދޭސީއެއް ނުވަތަ ޓޫރިސްޓެއްނަމަ އެންމެ ގިނަވެގެން ދޫކުރެވޭނީ ތިން ފޯނު ނަމްބަރެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވެސް އެންމެ ގިނަވެގެން ދޫކުރެވޭނީ 10 ފޯނު ނަމްބަރެވެ.

އެ އަދަދުތަކަށް ވުރެ އިތުރަށް އެއްވެސް ފަރާތަކުން ފޯނު ނަމްބަރު ބޭނުންވާނަމަ މަގުބޫލު ސަބަބެއް ބަޔާންކޮށް އެ ފަރާތަކުން ކޮމިއުނިކޭޝަން އޮތޯރިޓީއަށް ހުށަހެޅުމުން، އެކަމަށް ހުއްދަ ދިނުމުގެ އިހުތިޔާރު، އެ އޮތޯރިޓީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ގަވާއިދުގައިވާ ގޮތުން މޯބައިލް ފޯނު ހިދުމަތް ދިނުމުގައި އަމިއްލަ ފަރުދުންނަށް ނަމްބަރު ދޫކުރަންވާނ،ީ 18 އަހަރު ފުރިހަމަވެފައިވާ ފަރާތްތަކަށެވެ. ފޯނު ނަމްބަރެއް ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތަކަށް ޖަވާބުދާރީވާން ޖެހޭނ،ީ އެ ނަމްބަރު ރަޖިސްޓަރީކޮށްފައިވާ ފަރާތުން ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ގަވާއިދަށް އަމަލުކުރަން ފެށުމުން، މީގެ ކުރިން ދޫކޮށްފައިވާ މޯބައިލް ފޯނު ނަމްބަރުތައް ބޭނުންކުރުމުގައި ވެސް ހިނގާނ،ީ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތައް ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ނަމްބަރު ބޭނުންކުރާ ފަރާތްތަކުން، ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި، އިތުރުވާ ނަމްބަރުގެ ހިދުމަތް ކަނޑައިލުމަށް ސާވިސް ޕްރޮވައިޑަރަށް ހުށަހަޅަންވާނެއެވެ.

އެ މުއްދަތުގައި އެގޮތަށް އަމަލުނުކޮށްފިނަމަ ސާވިސް ޕްރޮވައިޑަރަށް ފެންނަ ގޮތެއްގެ މަތީން ގަވާއިދުގައި ކަނޑައަޅައިފައިވާ އަދަދަށް މަދުކޮށް އިތުރުވާ ނަމްބަރުތަކުގެ ހިދުމަތް ކަނޑައިލަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

"މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު" އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ކޮމިއުނިކޭޝަން އޮތޯރިޓީއަށް ލިބިގެންވެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ގަވާއިދާ ހިލާފު ވެއްޖެނަމަ އެކަމެއް ރަނގަޅުކުރަން އެކަށީގެންވާ މުއްދަތު ދޭނެއެވެ. ދެވަނަ ފަހަރަށް ހިލާފުވެއްޖެނަމަ 10،000 ރުފިޔާއިން ޖޫރިމާނާ އަދި ތިންވަނަ ފަހަރަށް ހިލާފުވެއްޖެނަމަ 20،000 ރުފިޔާއިން ޖޫރިމާނާކުރާނެއެވެ. ހަތަރުވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވާ ކަމަށް ކަނޑައަޅާ ކޮންމެ ފަހަރަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު "ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ގާނޫނު"ގެ ދަށުން އެ ފަރާތަކަށް ފިޔަވަޅު އަޅާނެއެވެ.

ފިޔަވަޅު އެޅުމުގައި މައުލޫމާތު ކަށަވަރުކުރުމުގެ މަރުހަލާގައި ލިބޭ މައުލޫމާތުގެ ސައްހަކަމާ ގުޅިގެން ދިމާވާ މައްސަލަތަކުގައި ސާވިސް ޕްރޮވައިޑަރުން ޒިންމާވާން ނުޖެހޭނެކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

"މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަމްބަރު ދޫކުރުމާއި ނަމްބަރު ބޭނުންކުރުމާބެހޭ ގަވާއިދަށް" އަމަލުކުރަން ފަށާނީ އެއްމަސް ދުވަހުން ފަހުންނެވެ.