އުފަންދުވަސް ފާހަގަކުރަން ތިއްބައި، މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް ގެ ރޯކޮށްލައިފިއެވެ.

ލަންކާގެ އުތުރުގައި އޮންނަ ވަވުނިޔާ ޑިސްޓްރިކްޓްގައި ހުރި އެ ގޭގައި އަލިފާން ރޯކޮށްލި ހާދިސާގައި 21 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފައިވެއެވެ.

އެ ގޭގައި ދިރިއުޅޭ ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރަމުން ދަނިކޮށް ހިނގި އެ ހާދިސާގައި ނުވަ މީހަކަށް އެކިވަރުގެ އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް އޮފިޝަލުން މައުލޫމާތުދެއެވެ.

ލަންކާގެ ފުލުހުން ވަނީ އެ ހާދިސާގެ ތަހުގީގު ފަށައިފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އިމަޖެންސީ ހޮޓްލައިނަށް އަލިފާނުގެ ހާދިސާ ރިޕޯޓު ކުރިތާ ކުޑައިރުކޮޅެއް ތެރޭ ވަނީ ނިއްވާލައިފައެވެ.

ފުލުހުންގެ ތަހުގީގަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ އިރު، ފުލުހުން ވަނީ ސީސީޓީވީއަށް އެ އަމަލު ހިންގި ގުރޫޕު އަރާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ އެންމެން މޫނު ނިވާކޮށްގެން ތިބުމުގެ ސަބަބުން ކޮން ބައެއްކަން އަދި ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.