ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި އެ ކޯޓުން ހުކުމްކުރި ގޮތް ފާހަގަކުރުމަށް، މައްސަލައިގައި ހިމެނޭ ފަރާތެއްގެ މަސްލަހަތު އޮންނަ ފަރާތުން ފޮނުވި ކެއުމަކާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހަވާލުވެވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލަ އިތުރަށް ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކަނޑައަޅައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ހިންގި ތަހުގީގަށް ހޯދުނު މައުލޫމާތުންނާއި އަދި ފަނޑިޔާރު މަހާޒު ސާފުކޮށްދެއްވާފައިވާ ހަގީގަތްތްތަކަށް ރިއާޔަތްކުރާ އިރު، އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
"ތުހުމަތުކޮށްފައިވާ ފަދަ ކަމެއް ހިނގާފައި ނުވާކަން ފާހަގަވާތީ، އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްގެންދަން ނުފެންނަކަމަށް، މިއަދު ބޭއްވި މި ކޮމިޝަންގެ މިއަހަރުގެ 48 ވަނަ ޖަލްސާގައި ވަނީ ނިންމައިފައެވެ،" ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީއަށް، ފަނޑިޔާރު މަހާޒާ ދެކޮޅަށް ހުށަހެޅީ މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރީއްކޮޅަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ރިޔާސަތު ބެއްލެވީ ފަނޑިޔާރު މަހާޒެވެ.
ޖޭއެސްސީން ފަނޑިޔާރުގެ މަހާޒުގެ މައްސަލަ ބަލަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން ފަނޑިޔާރު މަހާޒު، އެ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އަޑުއެހުން ދިގުލައިގެންދާތީ މައްސަލަ އޮންނަ ކޮންމެ ދުވަހަކު މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރުން އެހެން ފަނޑިޔާރުންނާއެކު މެންދުރު ކާ އެއްޗެއް އަމިއްލަ ހަރަދުގައި ގެންނަ ކަމަށެވެ.
"އެގޮތަށް ދައުރުވަމުން އައިސް ނޮވެމްބަރު 30 ވަނަ ދުވަހު ތަނަކަށް އޯޑަރުކޮށްގެން އެއްޗެއް ގެނައީ އަޅުގަނޑު، ރިސެސްގެ ކުރިން ހުރިހާ ފަނޑިޔާރުންނާ އެންމެ ފަހުން އެއްތަނަކުން ދިމާވާނެ ފަހު މަސައްކަތު ދުވަސް ކަމުގައިވާތީ ހުރިހާ ފަނޑިޔާރުން އަމިއްލަ ހަރަދުގައި މެންދުރު ކެއުން ދިނިން. ކެއި އިރު ކާތަކެތި ގެނައީ ކޮންތަނަކުން ކަންވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ. ހުރިހާ ފަނޑިޔާރުން ވެސް ކެއި، މީރު ވާހަކަ ވެސް ބުނި،" ފަނޑިޔާރު މަހާޒް ވިދާޅުވެފައިވެއެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވެފައިވަނީ ކެއުމުގެ ކަންތައް ކުރިއަށް ގެންދިޔައީ ސިއްރުން ނޫން ކަމަށާއި "ކެއުމުގެ އިންތިޒާމު ހިމެނޭހެން މާދަމާ ޝަރީއަތް އޮންނަނަމަ މިރޭ، މާދަމާގެ ހުރިހާ ކަމެއް އޮންނާނީ ދުރާލާއި ނިމިފައި،" ކަމަށެވެ.
"ފައިސާ ދެއްކި ސްލިޕް ވެސް އެބައޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއް ވެސް ނޫން. އަދި ވަކި ހާއްސަ އެއްޗެއް ގެނައީކީ ވެސް ނޫން." ފަނޑިޔާރު މަހާޒް ވިދާޅުވެފައިވެއެވެ.
ފަނޑިޔާރު މަހާޒުގެ އެ ވާހަކަތައް ރައްދުދެއްވައި ޖޭއެސްސީން ނެރުނު އިތުރު ބަޔާނެއްގައި ބުނެފައިވަނީ ފަރިއްކޮޅަށް ކުރެއްވި ހަރަދުތަކާއި ފަރިއްކޮޅުގެ ކަންކަން އިންތިޒާމުވެގެން ދިޔަ ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު އިޖާބަދެއްވާފައި ނުވާ ކަމަށެވެ.
"ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަދެއްވާފައި ނުވޭ. އަދި އޭރު އެ މައުލޫމާތު ފަނޑިޔާރު ހާމަނުކުރެއްވީ އެ ވަގުތު އެ މައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ މި ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގު ނިމުމުންކަން ފާހަގަކުރަން،" ޖޭއެސްސީން ބުނެފައިވެއެވެ.
ފަނޑިޔާރު މަހާޒް ވަނީ އެ މައްސަލައިގެ މައުލޫމާތު ކޮމިޝަނާ ހިއްސާ ކުރެއްވުމުގެ ބަދަލުގައި މީޑިއާ މެދުވެރިކޮށް އެކަމުގެ މައުލޫމާތު ހިއްސާކުރައްވާފައި ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ފަނޑިޔާރު މަހާޒް މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ހާޒިރުކޮށް އެ ފަރިއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށާއި މުވައްޒަފުން ކޮމިޝަނަށް ދިން މައުލޫމާތުން އެ ފަރީއްކޮޅާ މެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ އިތުރަށް ބަލަން ނިންމީ ކަމަށް ޖޭއެސްސީން އެއިރު ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު