ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައި ނުގަތް ބޭރުކޮށްލައިފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ވަނީ ޔާމީނަށް އިއްވައިފައެވެ. އެ ހުކުމް ހައިކޯޓުގައި އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފު ކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން އިސްތިއުނާފީ އަޑުއެހުންތައް އޮތީ މަޑުޖެހިފައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހަށް ހަމަވާއިރު، އިސްތިއުނާފީ އަޑުއެހުންތައް މަޑުޖެހިފައިވާތީ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެކަމާމެދު އޮތީ ސުވާލު އުފެދިފައެވެ. ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނީ ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފީ މައްސަލަ އެ މަނިކުފާނާ އެއްކޮޅަށް ނިމިއްޖެނަމައެވެ.
އެ މައްސަލައިގައި ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި، އެ ކޯޓުގެ ރަޖިސްޓްރާ ވިދާޅުވެފައިވަނީ، އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
ރަޖިސްޓްރާ އެގޮތަށް ނިންމެވި ނަމަވެސް ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދިއުމުގެ އެއް ފުރުސަތު ރައީސް ޔާމީނަށް އޮންނާނެއެވެ. އެއީ ރަޖިސްޓްރާގެ ނިންމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކޮށްގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު