ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންް އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، ޖުމްހޫރީ މައިދާނުގައި ކުރަމުންދިޔަ އިހުތިޖާޖު ކަވަރުކުރަން ދިޔަ ނޫސްވެރިންނާ މެދު ފުލުހުން އަމަލުކުރި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ސަންގު ޓީވީގެ ދެ ނޫސްވެރިއަކު އިހުތިޖާޖު ކަވަރުކުރަމުން ދަނިކޮށް އެސްއޯ ފުލުހުން އައިސް، އެ ދެ ނޫސްވެރިން ފަހަތަށް ޖައްސާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަނީ އެ ނޫސްވެރިން ފަަހަތަށް ކޮށްޕާލައި، ޖުމްހޫރީ މައިދާން ސަރަހައްދުން ބޭރުކުރަން އެސްއޯ ފުލުހުން މަސައްކަތް ކުރާ މަންޒަރެވެ. ފުލުހުން ބާރަށް ކޮއްޕާލުމާއެކު ވެއްޓިފައި މީހެއްގެ ގައިގައި އަޅައިގަނެފައި، ދެ ނޫސްވެރިޔަކު ބިންމައްޗަށް ވެއްޓެއެވެ.

ފުލުހުން ހަރުކަށި ގޮތަކަށް ނޫސްވެރިންނާ މެދު އަމަލުކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފުލުހުންގެ މުއައްސަސާއަށް ފާޑު ކިޔައިފައެވެ.

ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

"މިއަދު ޖުމްހޫރީ މައިދާނުގައި މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންނާ މެދު އަމަލުކުރި ގޮތް މިދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

އިދިކޮޅުގެ މުޒާހަރާ ކަވަރުކުރުމަށް ދާ ނޫސްވެރިންނާ މެދު ފުލުހުން އަމަލުކުރާ ގޮތުގެ ސަބަބުން މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިނިވަންކަމާއެކު އެއްވެސް ހުރަހެއް ނެތި ނޫސްވެރިންނަށް އެ މީހުންގެ މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ވެސް ވަނީ ގޮވާލައިފައެވެ.