އަފްގާނިސްތާނުގެ ސެލޫންތައް ބަންދުކުރަން ނިންމުމުން، އެގައުމުގެ ކަނބަލުން މުޒާހަރާކުރަން ފަށައިފިއެވެ.
އަފްގާނިސްތާނުގެ ބިއުޓީ ޕާލާތަކާއި އަންހެނުންގެ ސެލޫންތައް ބަންދުކުރުމަށް ތާލިބާނުން ނޯޓިސް ދިނުމާއެކު އެގައުމުގެ ކަނބަލުން ވަނީ އިންސާފު ހޯދުމަށް ވެރިރަށް ކާބުލްގެ މަގުތަކަށް ނިކުމެފައެވެ.
މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ތާލިބާނު ސިފައިން ވަނީ ޕްރެޝަރުގައި ފެންޖަހައި ރަބަރު ވަޒަން ހުންނަ ބަޑި ބޭނުންކޮށް މުޒާހަރާތައް ރޫޅާލައިފައެވެ.
2021 ވަނަ އަހަރުން ފެށިގެން ތާލިބާނުން އަފްގާނިސްތާނުގެ ބޮޑު ސަރަހައްދެއްގައި ވެރިކަން ކުރަން ފެށުމާއެކު އަންހެނުންގެ ހައްގުތަކަށް ދަތިކުރުންތައް އިތުރުވެފައިވާ ކަމަށް މުޒާހަރާ ކުރާފަރާތްތަކުން ވަނީ ބުނެފައެވެ.
ތާލިބާނުން ވަނީ ޖުލައި ދެވަނަ ދުވަހުން ފެށިގެން އެއްމަސްދުވަހުގެ ތެރޭ އެ ގައުމުގެ ހުރިހާ ބިއުޓީ ޕާލާތަކާއި ސެލޫންތައް ބަންދުކުރުމަށް ނޯޓިސް ދީފައެވެ.
އަފްގާނިސްތާނުގެ އެކި ހިސާބުތަކުގައި ހާހަކަށްވުރެ ގިނަ ސެލޫން ހުރިއިރު 60،000 ވަޒީފާ ގެއްލިގެން ދާނެކަމަށް އެ ގައުމުގެ ވިޔަފާރި ޖަމިއްޔާއިން ބުނެފައިވެއެވެ.