ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނެޖިން ޑިރެކްޓަރު އަބުދުﷲ ޒިޔަތާއެކު ބައެއް މީހުން ތިބި ބައްދަލުވުމަކަށް އަދީބު ބުނެގެން ދަބަހެއް ގެންގޮސްދިން ކަމަށް އަދީބުގެ އޭރުގެ ބޮޑީގާޑު އަހުމަދު އާމިރު މިއަދު ބުނެފިއެވެ.
އޭނާ މިހެން ބުނީ ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާގައި، ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުންނެވެ.
މެލޭޝިއާގައި ހުރެ އާމިރު މިއަދުގެ އަޑުއެހުމަށް ހެކިބަސް ދީފައި ވަނީ، އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ހާޒިރުވެ އޮންލައިންކޮށެވެ. އޭނާއަކީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅިގެން ހައްޔަރުކޮށް ދައުވާ ވެސް ކޮށްފައިވާ މީހެކެވެ.
އެމްއެމްޕީއާރުސީގެ މީޓިން ރޫމުގައި 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބޭއްވި ބައްދަލުވުމަކާ ބެހޭ ގޮތުން ހެކިބަސް ދެމުން އާމިރު ބުނީ، އަދީބު އެ ބައްދަލުވުމަށް ވެންނެވުމުން އޭނާ އިނީ އެތަނުގެ ލޮބީގައި ކަމަށާއި، އެތާ އިންދާ އަދީބު އޭނާއަށް ގުޅައި އަދީބުގެ ކާރުތެރޭގައި އޮތް ދަބަހެއް ގެނެސްދިނުމަށް އެދުނު ކަމަށެވެ. ދަބަސް ހިފައިގެންގޮސް މީޓިން ރޫމުގެ ދޮރުގައި ޓަކި ޖެހުމުން، ދޮރު ހުޅުވީ އެމްއެމްޕީއާރުސީގެ މުވައްޒިފެއް ކަމަށާއި، ދެން މީޓިން ރޫމަށް ވަދެ އަދީބާ ދަބަސް ހަވާލު ކުރުމަށްފަހު އޭނާ އެތަނުން ބޭރަށް ނިކުތީ ކަމަށްވެސް ބުންޏެވެ.
މީޓިން ރޫމުގެ ދޮރު ހުޅުވާލިއިރު އެ މީޓިންގައި ތިބި މީހުން ފެނުނުކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނީ އެ މީޓީންގައި އަދީބާއެކު ތިބީ، ޒިޔަތާއި، ފުއްގިރި މައްސަލައިގައި ރައީސް ޔާމީނަށް ރިޝްވަތު ހުށަހެޅުމުގެ ބައިވެރިއެއްގެ ގޮތުގައި ތުހުމަތު ކުރާ، އަހުމަދު ކުރިކް ރިޒާ އާއި ސަން ސިޔާމްގެ ކޮއްކޮ ސާލިމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފު ކަމަށެވެ.
ދަބަހުގައި ހުރީ ކޮން އެއްޗެއްތޯ، ގާޒީ ސުވާލެއް ނުކުރައްވައެވެ. އެ މީޓިންގައި ދެއްކި އެއްވެސް ވާހަކައެއް ނޭނގޭކަމަށް އާމިރު ބުންޏެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.
އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.
މި މައްސަލައިގައި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. ނަމަވެސް މއ. ކުރިކީލަހިޔާ/ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި، ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ މިހާރު ވަނީ ދައުލަތުން އަނބުރާ ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު