އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ޕްލޭނިން މިނިސްޓްރީން ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 26،506 މިލިއަން ރުފިޔާއަށް 365 ދުވަހުން ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ހިމަންދޫ ގޮނޑޮދޮށް ގިރަމުންދާ ސަރަޙައްދުތަކުގައި 235 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 20 މީޓަރުގެ ޖިއޯބޭގް ގްރޮއިންނާއެކު 110 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 60 މީޓަރުގެ ބޮޑުހިލަ ގްރޮއިންއާއެކު 180 މީޓަރުގެ ބޮޑުހިލަ ވައި ގްރޮއިން ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.