ރާއްޖޭގައި ދެން ހިންގާ ޓޫރިޒަމްގެ އެންމެބޮޑު މަޝްރޫއު ލަސްތަކެއްނުވެ ވ.އަތޮޅުގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ވ. ކެޔޮދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ވ. އަތޮޅަކީ ކުޑަ އަތޮޅަކަށްވިޔަސް، މީހުން މަދު އަތޮޅަކަށްވިޔަސް، އެ އަތޮޅުގައި އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދަން ޕްލޭން ކޮށްފައިވާ ކަމަށެވެ.

"ޓޫރިޒަމްގެ އެ ބޮޑު މަޝްރޫއު މިތާ ފެށިގެންދާއިރުގައި ވައިގެމަގުން މި އަތޮޅާ ވެސް ގުޅިގެންދާނެ، އޭގެ ބައެއް އެއްބަސްވުންތަކުގައި މިހާރު ސޮއިކުރެވި، ދެން އޮތް ކަންތައް އިރާދަކުރެއްވިއްޔާ މާދަމާ މާލެގޮސް ބާއްވާ އިކޮނޮމިކް ކައުންސިލްގައި އެ މަސައްކަތް ނިމިގެންދާނެ އެއަށްފަހު އޮންނާނީ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ކުރެހުންތައް ތައްޔާރުކުރުން، އެހުރިހާ ކަމެއް ނިމިގެންދާއިރުގައި މިއަތޮޅު ރައްޔިތުން ބޭނުންވެފައި އޮތް ޕިކްނިކް އައިލެންޑް އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ލިބިގެންދާނެ،"

ރައީސް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެޔޮދޫއަށް ހަތް ވައުދެއް ވެފައިވާ ކަމަށެވެ. އޭރު އެގޮތަށް އެހާ ގިނަ ކަންތައްތައްކެއް އެއްފަހަރާ ކުރަން ޖެހުނީ މީގެކުރިން ކަމެއް ކުރެވިފައި ނުވާތީ ކަމަށެވެ. ނަމަވެސް ކުރިއާއި ހިލާފަށް މިހާރު ރަށަކަށް އަރައިފިއްޔާ ކޮށްދޭން ބުނާ ކަންތައް ވަރަށްމަދު ކަމަށްވެސް ވިދާޅުވިއެވެ.

"މިސާލަކަށް ފޯކައިދޫއަށް އަޅުގަނޑު އިހަކަށްދުވަހު ދިޔައިން، ބުނީ އެންމެ ތިންކަމޭ ދެން ބޭނުމީ، އިއްޔެ އަޅުގަނޑުމެން ދިޔަ ރަށަކުންވެސް ދެން ތިމަންނަމެން ބޭނުންވަނީ އިތުރަށް އެންމެ ދެކަމޭބުނީ. އޭގެ ބަދަލުގައި 2018 ވަނަ އަހަރު އަޅުގަނޑު އެރި ކޮންމެ ރަށަކުން ބައްދަލުވި ކޮންމެ ކައުންސިލަކުން ބޮޑު ލިސްޓެއް ހުށަހަޅަމުން ގެންދިޔަ، ނަމަވެސް އަޅުގަނޑުމެންގެ ވައުދުތައް ފުދެމުން ދިޔަ ވަރަކަށް ރައްޔިތުން ބޭނުންވާ ކަންތައްތައް އެދަނީ މަދުވަމުން،"

ރައީސް ވިދާޅުވީ ކެޔޮދޫއަށް ވެ ވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން، އެރަށުގެ ބަނދަރު ހަދައި ނިމިފައިވާ ކަމަށާއި، ސްކޫލް މަލްޓިޕާޕަސް ހޯލް މިއަދު ހުޅުވާނެ ކަމަށެވެ. އަދި ސްކޫލަށް އިތުރުކުރާ ކްލާސްރޫމްގެ ދެބުރި އިމާރާތް ކުރިއަށްދާ ކަމަށާއި، ސްކޫލަށް އިތުރަށް ބޭނުންވާ ހަތަރުބުރީގެ އިމާރާތެއް ކުރިއަށް އޮތް ތަނުގައި ސްކޫލަށް އިތުރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިރަށުގައި ވޮލީކޯޓެއް، ފުޓްބޯޅަ ދަނޑެއް، މިއީ ޒުވާނުންނަށް ބޭނުންވެގެން އަޅުގަނޑުމެން ކުރަން ނިންމާފަހުރި ކަންތައްތައް، ފުޓުބޯޅަ ދަނޑުގެ މަސައްކަތް މިހާރުވަނީ އެވޯޑުކޮށްފަ، ދެން އޮތީ އަމަލީ މަސައްކަތް ފެށުން، ވޮލީ ކޯޓުގެ މަސައްކަތްވެސް އޮތީ ކޮންޓްރެކްޓް ކުރެވިފައި ލަސްތަކެއްނުވެ، އެކަންތައް ފެށިގެންދާނެ، ސިއްހީ ހިދުމަތް އެންމެ ރަނގަޅަކަށް މިރަށަކު ނެތް، އެހެންކަމުން ހެލްތު ސެންޓަރުގެ ޕްރޮޖެކްޓް ވީހާވެސް އަވަސްކޮށް ކުރިއަށް ގެންގޮސްދޭނަން،"