ގދ. މަޑަވެލި ހޯޑެއްދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ ދަށުން ހޯޑެއްދޫން ކަންނަގިއްލާއަށް ގުޅާލާ ބްރިޖުގެ ޕައިލިންގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ހޯޑެއްދޫން ކަންނަގިއްލާއަށް ގުޅާލާ ބްރިޖުގެ ޕައިލް ކެޕް ކޮންކްރީޓް މަސައްކަތްތައް އަންނަ ހަފުތާތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖުމުލަ 79.4 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަޝްރޫއަކީ 300 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެމްޓީސީސީން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
އޭގެ އިތުރުން އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި ރެއިލިންގު އެޅުމާއި މަގުބައްތި ހަރުކުރުމާއި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު