ވ އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށް، ރަކީދޫގައި ކުޑަރަށް ބޮޑުރަށް ތަފާތު ނުކުރުމުގެ ސިޔާސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރު ކުރައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ވ. ރަކީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވާހަފުޅު ތަކުރާރު ކުރައްވައި ރައީސް މިއަދު ވިދާޅުވީ، ވ.އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ އާބާދީ ކުޑަ އަތޮޅު ކަމަށެވެ. އެހެންނަމަވެސް ރަކީދޫގައިވެސް އުޅެނީ ދިވެހި ރައްޔިތުން ކަމަށާއި، ސަރުކާރުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެކަން އޮންނަން ޖެހޭނީ ވެސް އެހެން، ތަފާތު ކުރުމެއްނެތި ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި، ކޮށްދޭންޖެހޭ އެހެން ހުރިހާ ކަމެއް ވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނީ ހަމަހަމަކަމާއެކު، ތަފާތު ކުރެވިގެނެއްނުވާނެ،"

ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނިކުންނެވީ، އެ ތަފާތުކުރުން ތަކަކީ ރާއްޖޭގައި ހައްލުކުރަންޖެހޭކަމެއް ކަމަށް ދެކިވަޑައިގެން ކަމަށެވެ. ވަކި ރަށްރަށެއްގައި ދިރިއުޅޭތީއޭ ކިޔައިފަ، ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުން މަހުރޫމްވެފައި ތިބި އެތައް ރައްޔިތުންނެއް ރާއްޖޭގައި އޭރު އުޅެމުން ގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

"އެގޮތުން ވ. އަތޮޅުގެ މި ކުދި ރަށްރަށުގައި ދިރިއުޅޭ، ރައްޔިތުންނަކީ ސަރުކާރުން އަޅައިނުލައި ދޫކޮށްލާފައި ތިބި ރައްޔިތެއް، އެހެންނަމަވެސް ޖަޒީރާ ރާއްޖޭގެ ތަސައްވުރުގައި އަޅުގަނޑު މި ދެންނެވިހެން އެމީހަކު ދިރިއުޅޭ ރަށެއްގައި ހުރެ ލިބެންޖެހޭ އަސާސީ ހިދުމަތްތައް ލިބެން ޖެހޭ، އޭގެ ދަށުން އަޅުގަނޑުމެން ރާއްޖެ ތަރައްގީކުރަމުން މިދަނީ ކުޑަރަށެއް ބޮޑުރަށެއް ތަފާތު ނުކޮށް، ބޭނުންވާ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެމުން،"

ރައީސް ވިދާޅުވީ، ރަކީދޫއަށް ބޭނުންވާ ކަންތައްތަކެއްވެސް އެބަހުރި ކަމަށެވެ. "ރަށު ރަޖިސްޓްރީގައި 369 މީހުން ތިބި ނަމަވެސް ރަށުގައި ދިރިއުޅެމުން ގެންދަނީ 63 މީހުން. ސަބަބަކަށް ވީ މި މެދުމިނުގެ އާބާދީގައި ވެސް، ރަށުގައި ނޫޅެ ރަށްދޫކޮށް ދާން ޖެހުނު ސަބަބަކީ ލިބެން ޖެހޭ އެންމެ ކުޑަމިނުން ދަރިންނަށް ތައުލީމު ދިނުމުގައި ހުރި ގޮންޖެހުންތައް، ސިއްހީ ހިދުމަތުގައި ހުރި ގޮންޖެހުންތައް، ރަށަށް އަރައި ފޭބުމުގައި ހުރި ދަތި އުނދަގޫތައް، އެހެންކަމުން އަޅުގަނޑުމެންގެ ޕްލޭންގައި މިރަށަށް އިސްކަމެއް ދިނީ،"

ނަމަވެސް ރައީސް ވިދާޅުވީ، ރަކީދޫ ބަނދަރު މިހާރު އޮތީ އެކަށީގެންވާ ރަނގަޅު ގޮތަކަށް ހަދއިދީފައި ކަމަށާއި، ރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ހިމާޔަތް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"ނަމަވެސް އަދިވެސް އެބަހުރި އަޅުގަނޑުމެން ބަލައި ރަނގަޅު ކުރަންވީ ކަންތައްތަކެއް، ކަމެއް ކުރުމަށްފަހު، ގުދުރަތީގޮތުން އެރަށް އޮތް ގޮތަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ހުންނާނެ އަންނަ އެޖެސްމެންޓްތަކެއް އެކަން އެނގޭނީ އަހަރެއް، ދެ އަހަރެއް ފަހުން، އެހެންވީމާ މިރަށުގެ ބަނދަރަށް އިތުރަށް ގެންނަން ޖެހޭ ބަދަލެއް އޮތްކަމަށްވަންޏާ އެ ބަދަލު ކުރިއަށްއޮތް ތަނުގައި ހައްލު ކޮށްދޭނަން،"

ރަކީދޫއަކީ ލޯކަލް ޓޫރިޒަމަށް ފައްކާ ރަށެއް ކަމަށާއި، އެކަމަަށް މަސައްކަތް ކުރެވިދާނެ ރަށެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ކަންތައްތައް ކުރުމަށް ބޭނުންވާ، ފަސޭހައިން ހިދުމަތް ލިބެން އޮތުން ކަމަށާއި، ފެނާއި ނަރުދަމާގެ ނިޒާކަކީ އެކަމަށް މުހިއްމު ނިޒާމެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ 141 ރށުގައި ފަށައިގެން ކުރިއަށް ގެންދާ، ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތަކުގެ ތެރެއިން، ރަކީދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް މި ދައުރު ނިމުމުގެ ކުރިން ނިންމައި ހިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގައި ރަކީދޫގެ އާބާދީ ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ، ރަށުގައި ތިބެގެން ތައުލީމު ލިބޭނެގޮތް ހެދުން ކަމަށެވެ.

"މިހާރު ސްކޫލް ނިމި ހުޅުވުމާ ހިސާބަށް ގޮސްފައި އެވަނީ، ސްކޫލްގައި ކިޔަވައިދޭނެ ޓީޗަރުން ހޯދުމަށް ޓަކައި ދެފަހަރަކު އިއުލާންކޮށްގެންވެސް ރަށު ރައްޔިތަކު ނެތް އެކަމަކަށް އިޖާބަ ދީފައެއް، ދެން މިޖެހެނީ ރަށުން ބޭރުން މީހަކު ހޯދަން، އެޑިއުކޭޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން އެކީގައި މަޝްވަރާކުރެވި މިރަށު ސްކޫލަށް ބޭނުންވާ ޓީޗަރުންނާއި މުވައްޒަފުން ހޯދުމަށްފަހުގައި މިތަނުގެ ސެޓެލައިޓް ސްކޫލެއްގެ ހިދމަތް ދާދިއަވަހަށް ފެށިގެންދާނެ،"