ވ. ރަކީދޫ ސްކޫލުގެ ކިޔެވުން ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އުއްމީދަކީ ރަށު ރައްޔިތުން އެނބުރި އައުމުގެ ރޫހު އުފެދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރަކީދޫ ސްކޫލަކީ އެ ރަށު އާބާދީ މަދުވުމުގެ ސަބަބުން ސެޓެލައިޓް މަފުހޫމުގެ ދަށުން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ރަށެކެވެ. ސެޓެލައިޓް ޕްރޮގުރާމަކީ އާބާދީ މަދުވެ، ސުކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވެ ސުކޫލު ނެތް ރަށްރަށުގެ ދަރިވަރުން ކަނޑު ހުރަސްކޮށް އެހެން ރަށްތަކަށް ސްކޫލަށް ދާންޖެހޭ ދިއުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ފެށި ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގެ ދަށުން ބ. ފެހެންދޫއާއި ވ. ތިނަދޫގައި މިދިޔަ އަހަރު ކިޔަވައިދޭން ފެށި ނަމަވެސް ރަކީދޫ ސްކޫލުގައި ކިޔެވެން އޭރު ނުފަށާ އޮތީ އެ ރަށު ސްކޫލް އިމާރާތުގެ މަސައްކަތް ނުނިމޭތީއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަކީދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށެއްގެ އާބާދީ ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ރަށުގައި ތިބެގެން ތައުލީމު ލިބޭނެ ގޮތެއް ގާއިމުވުން ކަމަށެވެ.
އެގޮތުން ރަކީދޫގެ ދަރިވަރުންނަށް އެ މަގުފަހިކުރުމުގެ ގޮތުން އެރަށުގައި ހަދާ ސްކޫލް އިމާރާތުގެ މަސައްކަތް ނިމި މިހާރު ހުޅުވަން ކައިރިވެފައިވާ ކަމަށް ވިދާޅުވިއެވެ.
"ސްކޫލުގައި ކިޔަވައިދޭން ޓީޗަރުން ހޯދުމަށް ދެ ފަހަރަކަށް އިއުލާން ކުރުމުންވެސް ރަށުގެ ރައްޔިތަކު ނެތް އެކަމަށް އިޖާބަ ދީފައެއް. ދެން މި ޖެހެނީ ރަށުން ބޭރުން މީހަކު ހޯދަން. މިހާރު ކުރަމުން އެ ގެންދަނީ އެކަންތައް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް ރަކީދޫ ސްކޫލަށް ބޭނުންވާ ޓީޗަރުންނާއި މުވައްޒަފުން ހޯދައި ރަކީދޫގައި ސެޓެލައިޓް ސްކޫލެއްގެ ހިދުމަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދު ކުރަނީ މި ގެނެވޭ ބަދަލުތަކާއެކީގައި މި ރަށުގެ އާބާދީ މަޑުމަޑުން އިތުރުވެ މިރަށުގެ އުފަން ރައްޔިތުން ރަށަށް އެނބުރި އައުމުގެ ވިސްނުމެއް ރޫހެއް އުފެދިގެން އަންނާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން މިދިޔަ އަހަރު ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މި ވަގުތު އެންމެ މަދުން މީހުން އުޅޭ ރަށުގެ ގޮތުގައި އޮތީ ރަކީދޫއެވެ. އެ ރަށުގައި 63 ދިވެހިން އުޅޭ އިރު، ދެވަނައަށް އެންމެ މަދުން ދިވެހިން ދިރިއުޅެނީ އެ އަތޮޅު ތިނަދޫގައެވެ. ތިނަދޫގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 75 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު