އިޒްރޭލް އާދަޔާ ހިލާފަށް ހޫނުވެ ބޮޑުވަޒީރުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނި ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ދިމާވެފައިވާ ސިއްހީ މައްސަލަތަކާގުޅިގެން ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވެއެވެ.

މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުން ބޮޑުވަޒީރުގެ ހާލަކޮޅަށް ނުރައްކަލެއް ނެތްކަމަށް ވެސް އެ އޮފީހުގެ އޮފިޝަލުން ބުނެފައިވެއެވެ. 73 އަހަރުގެ ނަތަންޔާހޫގެ ހާލުކޮޅު، ޑޮކްޓަރުން ގާތުން ބަލަމުން އަންނަކަމަށްވެސް ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވެއެވެ.

ދުނިޔޭގެ މޫސުމަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން ގިނަ ގައުމު ތަކަކަށް ވަނީ ހޫނުވުމުގެ ސަބަބުން މޫސުމީ ކާރިސާއެއް ކުރިމަތިވެފައެވެ.

އިޒްރޭލްގެ ހޫނުމިން 40 ޑިގްރީ އިން މައްޗަށް އަރައިގެން ގޮސްފައިވާކަމަށްވެސް އެ ގައުމުގެ ކަމާބެހޭ ފަރާތުން ހާމަކޮށްފައިވާ މައުލޫމާތުތަކުގައިވެއެވެ.

އިޒްރޭލްގެ ހެލްތު މިނިސްޓްރީން ވަނީ އާންމުން ހޫނު ގަދަ ވަގުތުގައި ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް ލަފާދީފައެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ބޭރުގައި ނޫޅުމަށްވެސް ވަނީ ލަފާދީފައެވެ.