މިއަދު ރާއްޖެއިން ޑިމޮކްރަސީގެ ސިފަތައް ފެންނަން ފަށާފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. މުއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނުން ރައީސް ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަކީ އެމްޑީޕީން އެތައް ދުވަހެއް ކުރިން ފެށި މަސައްކަތެއް ކަމަށާއި މިއަދު މިސްރާބު ޖަހާފައި މިވަނީ ޒަމާނީ ޑިމޮކްރަސީއަކަށް ކަމަށެވެ. އަދި އެ ޒަމާނީ ޑީމޮކްރަސީގެ ސިފަތައް ފެންނަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްވެސް އެ މަނިކުފާނާއެކު ކޯލިޝަން ހަދައިގެން ތިބި އެމްޑީއޭއާއި އަދާލަތު ޕާޓީގެ ވިސްނުމަކީވެސް އެއް ވިސްނުމެއް ކަމަށާއި އެއީ ރާއްޖެ ތަރައްގީކޮށް، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫޫއުތައް ކުރިއަށް އޮތް ދައުރުގައި، ނިންމާލަން މާގިނަ ދުވަހެއް ނުނަގާނެ ކަމަށާއި ދެން އޮންނާނީ އިތުރަށް ބޭނުންވާ ކަންތައްތަކައިގެން ކުރިއަށްދިއުން ކަމަށް ވިދާޅުވިއެވެ.
"ހަމަޖެހުން ގެނެވިއްޖެ، އަމާންކަން ގެނެވިއްޖެ، އަޅުގަނޑުމެން ބޭނުންވަނީ މި ގެނެވުނު ހަމަޖެހުމާއި އަމާންކަމާއެކީގައި ކުރިއަށް ދާން، ނުވައެއް ސެޕްޓެމްބަރުގައި ތިބޭފުޅުން ނުކުމެވަޑައިގެން ގޮތެއް ނިންމާއިރުގައި ވިސްނަވަންވީ، އަނެއްކާވެސް އެނބުރި ދާންވީ، ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއަށްތޯ؟ ނޫނިއްޔާ މިއަދު ފަށާފައި މި އޮތް މަސައްކަތް، ރައްޔިތުންނަށް މި ގެނެވޭ ތަރައްގީގެ މަޝްރޫއުތައް އެއާއެކީގައި ކުރިއަށް ދާނީތޯ؟" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު