މ. ނާލާފުށިން އަލީ ޔާމީން (ވަން އޮންލައިން)

އަމާޒަކީ ފެނާއި ނަރުދަމާގެ މަސައްކަތް ފަށާފައިވާ 141 ރަށުގެ މަސައްކަތް މި އަހަރުގެ ނިމުމުގެ ކުރިން ނިންމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ރަށަށް މިއަދު ވަޑައިގެން މި ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، މި ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް މަޑުޖެހިފައިވާ ކަމަށާއި އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި ފެނާގެ ނަރުދަމާގެ ހިދުމަތް ދިނުމަށް ފަށާފައި އޮތް 141 ރަށުގައި އެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މުޅިން ނިންމައި އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، 150 ރަށުގެ އިންޖީނުގެ ބަދަލުކުރެވިފައިވާ ކަމަށާއި އެއީ ކުރިއަށް އޮތް 40 އަހަރު ނުވަތަ 50 އަހަރަށް އަމާޒުކޮށްގެން ކުރިއަށްގެން ގޮސްފައިވާ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ. އަދި މުލީ އެއާޕޯޓުގެ މަސައްކަތް ނިމުމުން މި ރަށާއި މުއްޔާއި ގުޅާލުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.