ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުގެ ދަށުން ނަމަ މ. ނާލާފުށްޓަށް ތަރައްގީ އަންނާނީ އަދިވެސް 15 އަހަރު ފަހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނާލާފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނާލާފުއްޓަކީ އާބާދީ މަދު ރަށެއް ކަމަށާއި ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތައް ކުރިން ބައްޓަން ކުރެވިފައިވާ ގޮތުން ނާލާފުށީގެ ތަރައްގީގެ މަސައްކަތްތައް ލިސްޓަށް އަރަނީ ވަރަށް މަދުން ކަމަށެވެ. އަދި އެ ސިޔާސަތުތަކާ އެއްގޮތަށް ކަންތައްތައް ކުރިއަށްދާ ނަމަ ނާލާފުށީގެ ތަރައްގީގެ މަޝްރޫއެއް އަންނަން 15 ނުވަތަ 20 އަހަރު ނަގާނެ ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރަކުން ކަމެއް ކުރަންވާނީ ދުރު މުސްތަގުބަލަށް ރާވައިގެން ކަމަށާއި އެއީ އެ މަނިކުފާނުގެ ސިޔާސަތު ކަމަށެވެ. ނަމަވެސް މި ވޭތުވެދިޔަ ތަނުގައި ނާލާފުށި ފަދަ ކުދިކުދި ރަށްރަށަށް ތަރައްގީ ނައިސް އޮތީ އޭރަކު ހުންނެވި ވެރިއެއްގެ ސިޔާސީ ވިސްނުން އިސްކުރާތީ ކަމަށް ވިދާޅުވިއެވެ.
"ކުރީގެ ވެރިންނަށް އަބަދުވެސް ފެންނަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ ރިޔާސީ އިންތިހާބު. އެހެންވީމާ އަމާޒު ހިފަނީ ވޯޓު ލިބޭ ތަންތަނަށް އެކަނި. ގިނައިން ވޯޓު ހުރި ތަންތަނަށް. މި ރަށުގައި މިއުޅެނީ 384 މީހުންނަކީ ސިޔާސީ މީހުން ދެކޭ ގޮތުގައި މާ މުހިންމު ނޫން ވޯޓަކަށް ބަލާއިރު. އެހެންވީމާ ބޮޑެތި އާބާދީ ހުރި ތަންތަނަށް އަމާޒުކޮށްގެން މިފަދަ މަޝްރޫއުތައް ހިންގާތީ މިފަދަ ކުދިކުދި ރަށްތަކަށް ތަރައްގީ ނައިސް މިއޮތީ. ބޭނުންވަނީ ދެން އޮންނަ ފަސް އަހަރުގެ ތެރޭގައި، ދެން އޮންނަ އިންތިހާބު ކާމިޔާބުކުރުން. އަޅުގަނޑުމެނެ އެގޮތަކަށް ނޫން މި ވިސްނަނީ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު