ކުރީގެ ވެރިކަންތަކުގައި ފުލުހުންގެ ތެރޭގައި އޮތީ ސިޔާސީ ހަމަނުޖެހުމާއި ސިޔާސީ ނުފޫޒު ކަމަށާއި ނަމަވެސް އެ ނުފޫޒެއް މިއަދު ފުލުހުންގެ ތެރޭގައި ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވ.ެ

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު މ. ކޮޅުފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، "2013 އިން 2018ގެ ދޭތެރޭގައި، ރާއްޖޭގައި ހުރިހާ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވާފައި އޮތް މިންވަރު އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެނގޭނެ، އެކަން ހަނދާނަށްވެސް ގެންނަން ޖެހޭ، ހަމައެކަނި ފުލުހުންގެ މުއައްސަސާއަށް ބެލިނަމަވެސް 5 ޕޮލިސް ކޮމިޝަނަރުން ބަދަލުވެގެންދިޔަ، އަހަރަކަށް މީހަކު، ތަނެއް ހިނގާނީ ކިހިނެއްތޯ،"

ރައީސް ވިދާޅުވީ، އޭރު އޮންނަ ގޮތަކީ، ސިޔާސީ ބޭނުމެއްގައި ވަކި މީހަކާ ދޭތެރޭ ވަކި ކަމެއް ކުރަން ބުނުމުން، އެކަން ނުކޮށްފި ނަމަ، ޕޮލިސް ކޮމިޝަނަރު ގެއަށް ދާން ޖެހުން ކަމަށެވެ. "މިގޮތުން އެބަހުރި ގާތްގަނޑަކަށް ހަތް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރުން ބަދަލިވެފަ"

ފުލުހުންނަކީ ތައުލީމާއި ތަމްރީނު ލިބިގެން ތިބި ބައެއް ނަމަވެސް ސިޔާސީ ނުފޫޒާއި ބާރު އެތަނަށް ވަދެފަ އޮތް މިންވަރުން، ކަންތައްތައް އެގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޭރު ފުލުހުންނަށް ލިބިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކީ ފުލުހުންގެ ހިދުމަތް އޭގެ ޒާތުގައި ހިންގުމަށް ޖާގަ ދިނުން ކަމަށާއި މިއަދު އެ ތަނުން ފެންނަ މަންޒަރު ތަފާތުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. "މިއަދު އިރާދަކުރެއްވިއްޔާ އެ މަންޒަރު ތިޔަ ބޭފުޅުންނަށް ފުލުހުންގެ މުއައްސަސާއިން ފެނިގެންދާނެ،"

މިއަދު ރާއްޖޭގައި އަމާންކަން ގާއިމުވެފައި އޮތީ އެ ސަބަބަށް ޓަކައި ކަމަށާއި ކޮޅުފުއްޓަށް ނިސްބަތްވާ، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ ބެއްލެވުމުގެ ދަށުން އެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ފުލުހުންގެ ތެރޭގައި އޮތް ސިޔާސީ ނުފޫޒު މުޅިން ކަނޑުވާލެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ އަބްދުﷲ ރިޔާޒެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން ދެން އެ މަގާމަށް އައްޔަން ކުރެއްވީ ހުސައިން ވަހީދެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ އޭނާ އެ މަގާމުން ވަކިކޮށް އެސިސްޓެންޓް ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފް ކޮމިޝަނަރުކަމުގެ މަގާމަށް އައްޔަން ކުރެއްވިއެވެ. ނަމަވެސް އެކެއް ފެބްރުއަރި، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކަށްފަހު، ޕޮލިސް ކޮމިޝަނަރު ކަމުން އަހްމަދު އަރީފް ވެސް ވަކިކޮށް، އެ މަގާމަށް އަހްމަދު ސައުދީ އައްޔަންކުރިއެވެ. އެއަށްފަހުން ސައުދީ ވެސް މަގާމުން ވަކިކޮށް، އެކްޓިން ސީޕީގެ މަގާމަށް އަބްދުﷲ ނަވާޒް ރައީސް ޔާމީން އައްޔަން ކުރެއްވިއެވެ.

ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރު ފެށުނީއްސުރެ ޕޮލިސް ކޮމިޝަނަރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ މުހައްމަދު ހަމީދެވެ.