ށ. ކޮމަންޑުއަށް ތެޔޮ އަންލޯޑުކުރަމުން ދަނިކޮށް، ހިނގި ހާދިސާއެއްގައި އެފްއެސްއެމްގެ ތެޔޮ ބޯޓެއް ފަޅައިގެން ގޮސް ދިޔަވާން ފެށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކޮމަންޑޫ ޖެޓީގެ ޝީޓް ޕައިލްއެއްގައި ޖެހި، އެފްއެސްއެމްގެ ތެޔޮ ބޯޓެއް ފަޅައިގެން ގޮސް ދިޔަވާން ފެށުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، އެ ސަރަހައްދަށް ގޮސް، މިއަދު ހެނދުނު 10:00 ހާއިރުން ފެށިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ޝީޓް ޕައިލްގައި ޖެހި އެފްއެސްއެމްގެ ތެޔޮ ބޯޓުން އަށް އިންޗި ވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާ އިރު، ބޯޓު މިހާރު އޮތީ ށ. މަތިކޮމަންޑުއަށް ބީއްސާލާފައި ކަމަށާއި ފަޅައިގެން ގޮސްފައިވާ ތަނަށް އުނގުރިއެއް ޖަހައި ދިޔަވުން މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ލިބިފައި ނުވާ އިރު، ކޮމަންޑޫ ކައުންސިލުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އެހެންކަމުން އެ ހާދިސާގައި އެ ބޯޓުން ތެޔޮ ލީކުވާކަން އަދި ކަށަވަރެއް ނުވެއެވެ.