އައްޑޫ ސިޓީ، ފޭދޫގައި ކްރޫޒު ޓާމިނަލަކާއި ޔޮޓް މެރިނާއެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ކްރޫޒް ޓާމިނަލް އަދި ޔޮޓް މެރީނާ ހެދުމުގެ މަސައްކަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ. އެ މަސައްކަތަށް ކުރިމަތިލާ ފަރާތަކީ ކުންފުންޏެއްގެ ގޮތުގައި ދިހަ އަހަރުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި އަދި އެ ފަރާތުން ފާއިތުވި ތިން އަހަރުގެ މާލީ ބަޔާން ވެސް ހުށަހަޅަންވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާ ހަދާ ސަރަހައްދުގައި 100 ކޮޓަރީގެ ހޮޓަލެއް ވެސް ހެދުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެ ހޮޓަލުން ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާއަށް އަންނަ މީހުން ބޭނުންވާ ހިދުމަތްތައް ލިބެން ހުންނަންވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ކްރޫޒް ޓާމިނަލް އަދި ޔޮޓް މެރިނާ ހެދުމަށް ހަމަޖެހިފައިވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑާ ދިމާލުން ފޭދު އާއި ގަމާ ގުޅޭ ހިސާބުގައި ކަމަށެވެ.