"ޓައިމް އައުޓް" ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ޖާބިރު ވިދާޅުވީ، ވަކިވެގަތުމަކީ ރަނގަޅު ކަމެއް ކަމަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު ގަބޫލުނުކުރާ ކަމަށާއި ރައީސް ސޯލިހު ވެރިކަމަށް ގެންނާނީ އެކުގައި ތިބެގެން ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ނަޝީދަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކޮށްދިނުމަށް ބޮޑު ހޭދައެއް ކުރި ނަމަވެސް މިއަދު އަދާވާތްތެރިންނާ ގުޅިގެން ކޯލިޝަން ހަދާ ވާހަކަ ދެއްކުމަކީ ދެރަވާ ކަމެއް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

“އަޅުގަނޑު ނަޝީދުގެ އަރިހުގައި ދެންނެވިން. ގަޑި ފާއިތުވީމާ ކުރާނެ ކަމެއް ނޯންނާނެއޭ. ޓައިމްލީ ފެޝަން ކޮށްނޭ އޮޕަރޭޓް ވާންޖެހޭނީ. ޓައިމް އައުޓް ވެއްޖޭ. އަދާވާތްތެރިކަމުގައި ކެއްކޭނެ ރިހައެއް ނޯންނާނެއޭ. މިތަނުގެ ރައްޔިތުން ބޭނުންވަނީ އަޅުގަނޑުމެން ގެނައި ޑިމޮކްރަސީ ފުލްކޮށް ވާންކޮށް ދާންށޭ. އަޅުގަނޑުމެން ބޭނުމެއް ނުވޭ މި ރާއްޖެ ފަހަތަށް ސޮއްސާލާކަށް ޑިމޮކްރަސީގައެއް،” ޖާބިރު ވިދާޅުވި އެވެ.