ނޭޕާލްގައި ހެލިކޮޕްޓަރެއް ވެއްޓި ހަމީހުން މަރުވެއްޖެއެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ހުންނަ ޓްރިބުވާން އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރުޖަަމާނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ވެއްޓުނު ހެލިކޮޕްޓަރުން މަރުވެފައިވަނީ މެކްސިކޯއަށް ނިސްބަތްވާ ފަސް ފަތުރުވެރިންގެ އިތުރުން ނޭޕާލް ޕައިލެޓެކެވެ.

ރޮއިޓާސް އިން ވަނީ އެ ހެލިކޮޕްޓަރަކީ މަނަންގް އެއާއިން އޮޕަރޭޓް ކުރާ ހެލިކޮޕްޓަރެއް ކަމަށް ބުނެފައެވެ. އެ ހެލިކޮޕްޓަރުން ފަތުރުވެރިންނަށް ނޭޕާލްގެ ފަރުބަދަމަތީ ސަރަހައްދުތައް ދައްކާލުމަށް ގިނަ ޓުއާތަކެއް ކޮށްފައިވެއެވެ.

ވެއްޓުނު ހެލިކޮޕްޓަރުން ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓު ހިމެނޭ ސަރަހައްދު ފަތުރުވެރިންނަށް ދައްކާލުމަށް އުދުހެއެވެ.

ހަ މީހުންނާއެކު ނޭޕާލްގެ ސޮލުކުމްބް ޑިސްޓްރިކްޓުން މައުންޓް އެވަރެސްޓު ހިމެނޭ ސަރަހައްދަށް ފުރިތާ 10 މިނެޓު ފަހުން އެ ހެލިކޮޕްޓަރާ ގުޅުން ކެނޑިފައިވާކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަނުން ބުނެފައިވެއެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ނޭޕާލްގެ އިދާރާތަކުން ވަނީ ފަށާފައެވެ.