ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިހުތިރާމު އެބައޮތް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ތިން އަހަރެއްހާ ދުވަހު އުޅުއްވުމަށް ފަހު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުމުން، މިއަދު ރާއްޖެ ވަޑައިގެން އިއްޒުއްދީން ފާލަމުގައި ހުންނަވައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އޭނާއަށް އަމާޒުވި ތުހުމަތުތަކުން ސަލާމަތްވުމަށް އެންމެ ބޮޑު ހިތްވަރަކަށްވީ ނަމާދުގައި ހިފުން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، އޭނާއަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރިމަތިވުމުން، ސަރުކާރުން އޭނާއާ އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ނާރާ ކަމަށެވެ. އަދި ޖިންސީ ގޯނާގެ ތުހުމަތުތައް ކޮށް އޭނާ ފްރޭމް ކުރީ ބަޔަކު އަޑީގައި ތިބެ އޭނާ ނައްތާލުމަށް ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ އޭނާ ފްރޭމްކުރުމުގައި ރައީސް ޔާމީނާއި ރައީސް ސޯލިހުގެ ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

"މި ބާވަތުގެ ކަމެއް ނުވާނެ ބޮޑު މަހެއް އޭގެ ފަހަތުގައި ނީނދެއެއް. ދެން އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ރައީސް ޔާމީން އަޅުގަނޑު ފްރޭމްކުރުމުގައި އެއްވެސް އަތެއް އޮތް ކަމަކަށް. އެކަމަކު ދެން މި މައިދާނުގައި ވެރީންގެ ގޮތުގަައި ތިއްބެވި ބޭފުޅުންގެ ވަހާއި އަތާއި ފަޔާ މީގެ ތެރޭގައި އެބައޮތް،" އަލީ ވަހީދު ވިދާޅުވިއެވެ.

"..، އެމަނިކުފާނުގެ (ރައީސް ސޯލިހުގެ) ވެރިކަމުގައި ހުންނަވައިގެން މި އަޅުގަނޑާ ދިމާލަށް މި އައި ފްރޭމުގައި އެމަނިކުފާނު އަތް ނުބޭއްނުއްވީތީ އެ އިހުތިރާމު އެމަނިކުފާނަށް އެބައޮތް. ހަމަ އެގޮތަށް ރައީސް ޔާމީން، އަޅުގަނޑަކީ އެ ބޭފުޅާގެ ވެރިކަން ބަދަލުކުރުމަށް އެެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކު. އަޅުގަނޑަށް މިކަން ދިމާވުމުން އަޅުގަނޑުގެ ހާލު ބައްލަވައި އަޅުގަނޑުގެ އިނޮސެންސް ގަބޫލުކުރައްވައި އެގޮތަށް ދެކުނީމައި އެމަނިކުފާނަށްވެސް އަޅުގަނޑުގެ އިހުތިރާމު އެބައޮތޭ،"

އަލީ ވަހީދު ވިދާޅުވީ، ފްރޭމް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބައިވެރިވުމެއް އޮތް ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ އަރިހުގައި އެފަދަ ބައެއް ބޭފުޅުން އެބަ އުޅުއްވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމަށް އޭނާ ވިދާޅެއް ނުވެއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ވަކި ބަޔަކަށް ހުކުމް އިއްވުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ގޭބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް މިނިވަން ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.