އުފާވެރި އަމާން ރާއްޖެއެއްގެ އުންމީދު ދެއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފަށައިފިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭން ރައީސް ފެއްޓެވީ ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާ އިންނެވެ. އެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ވަޒީރުންނާއި ބައެއް މަޖިލިސް މެންބަރުންގެ އިތުރުން އެމްޑީޕީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ފެށުމަށް ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ފުންކޮށް ވިސްނައި، މިހާރު މިދާ ތަރައްގީގެ މަގުގައި ކުރިއަށްދާނީތޯ، ނޫނީ އިހު އޮތް ބިރުވެރިކަމަށް ގައުމު ސޮއްސާލަން ދޫކޮށްލާނީތޯ އަންނަ ސެޕްޓެމްބަރު މަހު ނިންމަންޖެހޭ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްއޮތް ދައުރު ބިނާކުރާނީ އަމާން މުޖުތަމައެއް ގާއިމުކުރުމަށް. އިގުތިސާދީ ބޮޑު ބަދަލަކަށް. މި ޖީލުގެ ޒުވާނުންނަށް ހެޔޮ ވެރިކަމަކަށް އަދި އުފާވެރި ދިރިއުޅުމަކަށް. ބޭނުންވަނީ އުފާވެރި، އަމާން ރާއްޖެއެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ކޯލިޝަން ދުވަސްކޮޅެއްގެ ތެރޭގައި ވަކިވެ، ދައުރު ހަމަނުވަނީސް ވެރިކަމާ ދުރަށް ވަޑައިގެންނަވަން ޖެހި ވަޑައިގެންނެވި ކަމަށެވެ.
އޭގެ ފަހުން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކޯލިޝަނަށް ވެސް ގިނަ ދުވަސްވެފައި ނުވާ ކަމަށާއި އެ ވެރިކަމުގައި ރައްޔިތުން ކުރިމަތިލާން ޖެހުނީ އަނިޔާވެރިކަމާ ކަމަށެވެ. އަދި އެ ވެރިކަމުގައި ސިޔާސީ ވެރިންނާއި ނޫސްވެރިންނާއި ފަނޑިޔާރުން އަދި ރައްޔިތުންގެ މަޖިލިސް މެންބަރުން ވެސް އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"އެއަށްފަހު މިހާރު ހިނގަމުން މިދަނީ 2018 ވަނަ އަހަރު ރައްޔިތުން އިންތިހާބުކުރި ވެރިކަމުގެ ފަސް އަހަރު. މި ފަސް އަހަރުވެސް ރައްޔިތުން އިންތިހާބުކުރީ ކޯލިޝަން ސަރުކާރެއް. އެހެން ފަހަރުތަކާ ހިލާފަށް ރައްޔިތުން ނިންމި ގޮތަށް މިއަދުވެސް މި ކޯލިޝަން ދެމި އެބައޮތް. މިއަދު އަޅުގަނޑުމެންނަށް މި ލިބޭ ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ މި ކޯލިޝަން މިގޮތަށް ދެމެހެއްޓުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގައި ސިޔާސީ ލީޑަރުން މިނިވަންކަމާއެކު އެބަ ހަރަކާތްތެރިވާ ކަމަށާއި ރައްޔިތުންގެ މަޖިލިސް ވެސް، އެ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ހިންގަވަމުން އެބަ ގެންދަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު