މި ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން އަދި އިންދުނީ އޮށެއް ކަމަށާއި އެ އޮށުން ގަސް ފަޅައި، އެ ގަހުން މޭވާ ލިބެން ދުވަސްކޮޅެއް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިރޭ ރައްޔިތުންގެ އަރިހަށް އައިސް މިތިބީ ރައްޔިތުންނަށް ކޮށްދޭން ފެށި މި މަސައްކަތްތަކާއެކު އިތުރަށް ކުރިއަށްދިއުމުގެ އަޒުމުގައި ކަމަށެވެ.
"ދަންނަވަންތޯ، އަޅުގަނޑުމެންނަށް އަދި މި އިންދުނީ އޮށެއް، އެ އޮށުން ގަސް ފަޅައި، އެ ގަސްތަކުގެ ހިޔާ ލިބި، އެ ގަސްތަކުން މޭވާ ލިބެން އަދި ދުވަސްކޮޅެއް ނަގާނެ. ހަމައެކަނި ތައުލީމީ ދާއިރާއަށް ބަލައިލާ. މަތީ ތައުލީމު ފުރިހަމަކޮށްގެން އެ އަންނަ އެތައް ހާސް ކުދިންނެއް ކުރިއަށް މިއޮތް ދުވަސްތަކުގައި މި ރަށަށާއި މި ގައުމަށް ހިދުމަތްކުރަން ފަށާނެ. އެ ކުދިންގެ ހިދުމަތް ގައުމަށް ލިބެން ފެށުމުން ހިދުމަތުގެ ދާއިރާއަށް، މަސައްކަތުގެ ދާއިރާއަށް އަދި ގައުމު ހިންގުމުގެ ދާއިރާއަށް އަންނާނެ ބޮޑު ހެޔޮ ބަދަލު އަޅުގަނޑުމެން މިއަދު ވިސްނާލައްވާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަކުގެ 90 ޕަސަންޓަށްވުރެ ގިނަ މަސައްކަތް މިހާރު އެދަނީ ހިނގަމުން، ނިމެމުން ކަމަށާއި މި ހުރިހާ ކަމެއް ކުރަމުން އައީ ދުނިޔޭގެ ފަހުގެ ތާރީހެއްގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އާލަމީ ވަބާ، ކޮވިޑް 19އާ ހަނގުރާމަކުރަމުން ކަމަށެވެ.
"2020 ވަނަ އަހަރުން ފެށިގެން ދެ އަހަރު ދުވަހު މުޅި ދުނިޔެ އޮތީ ހުއްޓިފައި، ބަންދުވެފައި. ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރު ތިޔަބޭފުޅުން ހިތްޕުޅަށް ގެންނަވާ. މި ވެރިކަން ފެށުނު އިރު، ދިވެހި ދައުލަތުގެ ރިސާވްގައި މާގިނަ ފައިސާއެއް ނެތް. ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ ދައުލަތުގެ ހަޒާނާއަކަށް ނުވަދޭ. ދައުލަތް ހިންގުމަށްޓަކައި ބޭރުން އަޅުގަނޑުމެންނަށް ފައިސާ ހޯދަން ޖެހުނު. އިރާދަކުރެއްވީތީ މާތްﷲ ގެ ހެޔޮ މަދަދާއެކު އެ ދަތިތަކުން މިއަދު މިވަނީ އަޅުގަނޑުމެންނަށް އަރައިގަނެވިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެން ފެނިގެންދާނީ ރާއްޖޭގެ އިގުތިސާދު ދެގުނަ ވެގެންދާ ތަން ކަމަށާއި މިހާރު މިދާ ތަރައްގީގެ މަގުގައި ކުރިއަށްދާނީތޯ، ނޫނީ އިހު އޮތް ބިރުވެރިކަމަށް ގައުމު ސޮއްސާލަން ދޫކޮށްލާނީތޯ އަންނަ ސެޕްޓެމްބަރު މަހު ނިންމަންޖެހޭ ކަމަށެވެ. އަދި އެކަންކަމަށް ފުންކޮށް ވިސްނުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު