ރާއްޖެއަށް މިއަދު މި ލިބޭ ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ ކޯލިޝަން ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ކޯލިޝަން ދުވަސްކޮޅެއްގެ ތެރޭގައި ވަކިވެ، ދައުރު ހަމަނުވަނީސް ވެރިކަމާ ދުރަށް ވަޑައިގެންނަވަން ޖެހި ވަޑައިގެންނެވި ކަމަށެވެ.

އޭގެ ފަހުން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކޯލިޝަނަށް ވެސް ގިނަ ދުވަސްވެފައި ނުވާ ކަމަށާއި އެ ވެރިކަމުގައި ރައްޔިތުން ކުރިމަތިލާން ޖެހުނީ އަނިޔާވެރިކަމާ ކަމަށެވެ. އަދި އެ ވެރިކަމުގައި ސިޔާސީ ވެރިންނާއި ނޫސްވެރިންނާއި ފަނޑިޔާރުން އަދި ރައްޔިތުންގެ މަޖިލިސް މެންބަރުން ވެސް އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އެއަށްފަހު މިހާރު ހިނގަމުން މިދަނީ 2018 ވަނަ އަހަރު ރައްޔިތުން އިންތިހާބުކުރި ވެރިކަމުގެ ފަސް އަހަރު. މި ފަސް އަހަރުވެސް ރައްޔިތުން އިންތިހާބުކުރީ ކޯލިޝަން ސަރުކާރެއް. އެހެން ފަހަރުތަކާ ހިލާފަށް ރައްޔިތުން ނިންމި ގޮތަށް މިއަދުވެސް މި ކޯލިޝަން ދެމި އެބައޮތް. މިއަދު އަޅުގަނޑުމެންނަށް މި ލިބޭ ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ މި ކޯލިޝަން މިގޮތަށް ދެމެހެއްޓުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގައި ސިޔާސީ ލީޑަރުން މިނިވަންކަމާއެކު އެބަ ހަރަކާތްތެރިވާ ކަމަށާއި ރައްޔިތުންގެ މަޖިލިސް ވެސް، އެ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ހިންގަވަމުން އެބަ ގެންދަވާ ކަމަށެވެ

"ސިފައިން ވަދެ ނުހުއްޓުވާ. ނޫސްވެރިންގެ ގަލަމުގައި ދޯރި ޖަހާކަށް ނުޖެހޭ. ޓީވީ ޗެނަލްތައް ޖޫރިމަނާއެއް ނުކުރޭ. ބަންދުކުރާކަށް ނާންގާ، އިންޒާރެއް ވެސް ނުދޭ. ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވަކި ރަށެއް ތަފާތުނުކޮށް އެ ދަނީ ލިބެމުން. ފެނާއި ނަރުދަމާ، ބަނދަރާއި ކަރަންޓު، އާރުޓީއެލްގެ ދަތުރުފަތުރު، ފަސޭހަ ވައިގެ ދަތުރު، ސިއްހީ ހިދުމަތް، ޓާޝަރީ ހޮސްޕިޓަލުތަކުގެ މަސައްކަތްތައް ބާރަށް އެދަނީ ކުރިއަށް. ހިލޭ ޑިގްރީ، ސްކޮލާޝިޕް، ސްޓޫޑަންޓް ލޯނު، ހުރިހާ ދަރިވަރުންނަށް އޮތީ ހުޅުވާލާފައި، މިނިމަމް ވޭޖް ކަނޑައެޅިއްޖެ، ސާވިސް ޗާޖު ކަށަވަރުކުރެވިއްޖެ، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރެވިއްޖެ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އިތުރުކުރެވިއްޖެ، އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދޭން ފެށިއްޖެ، އެތައް އިމާމުންނެއް ޑިގްރީ ހާސިލުކޮށްފި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީ އާއި ހދ. ހަނިމާދޫއާއެކު މުޅި ބޮޑުތިލަދުންމައްޗަށް އާ ބޮޑު ދިރުމެއް އަންނަން އެ ވަނީ ފަށާފައި ކަމަށާއި މާލޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަމަށް އެ އަންނަނީ ރަނގަޅު ހެޔޮ ބަދަލެއް ކަމަށެވެ.