ށ. މަރޮށިން އަލީ ޔާމީން

އަމިއްލަ މަސްލަހަތަށްޓަކައި ސަރުކާރަށް ދަތިކުރާ މީހުންނަށްވުރެ އިސްކުރީ ރައްޔިތުންގެ މަސްލަހަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން މި ރަށުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ ހާލަތު އޮތީ ވަރަށް ގޯސް ކަމަށެވެ. އެގޮތުން މަގުތަކުގައި މީހުން މެރުމާއި ވިޔަފާރި ވެރިންނަށް ހުރި ފިއްތުންތަކާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވާ މީހާ ޖަލަށްލުން ފަދަ ކަންކަން އޭރު ފެނިގެން ދިޔަކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުކުރި މަސައްކަތަކީ ރައްޔިތުންނަށް އަމާން އަދި ހަމަޖެހޭ މުޖުތަމައެއް ހޯދައިދިނުމުގެ މަސައްކަތް ކަމަށާއި އެކަން ރާއްޖޭގެ ރަށްރަށުން މިއަދު އެބަ ފެންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުގައިވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެގޮތުން ފެށުނީއްސުރެ ސަރުކާރަށް ދަތިކުރަމުންދިޔަ ބަޔަކު އުޅުނު ކަމަށެވެ.

"މެދުނުކެނޑި ސަރުކާރަށް ދައްޗާއި އުނދަގޫ ކުރަމުން ދިޔަ ބަޔަކު ތިބި، ބޭނުމަކީ އެ މީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ މަސްލަތު އިސްކުރުން. ނަމަވެސް އެއަކަށް އަޅުގަނޑުމެން ޖާގައެއް ނުދެން. އަޅުގަނޑުމެން އިސްކުރީ ތިބޭފުޅުން، ރައްޔިތުންގެ މަސްލަހަތު،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނީ އެ މަނިކުފާނަށް ދެވަނަ ދައުރެއް ދީގެން ކަމަށެވެ. އަދި ދެވަނަ ދައުރެއް ނުލިބިއްޖެ ނަމަ މިހާރު ފަށާފައިވާ ބައެއް މަޝްރޫއުތައް ހުއްޓުމުގެ ބިރު އެބަ އޮތް ކަމަށް ވިދާޅުވިއެވެ.