ށ. ކޮމަންޑޫ އަދި މަތިކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް "ވަން" އަށް މިއަދު ވިދާޅުވީ އޮގަސްޓް މަހުގެ ތެރޭގައި މަތިކޮމަންޑޫ ހިއްކައި، ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް އެމްޓީސީސީން ފަށާނެ ކަމަށެވެ.

"މި އަންނަ މަސް ތެރޭގައި މަތިކޮމަންޑޫ ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު، ދެ ކޮމަންޑޫ ގުޅުވައިލުމުގެ އަމަލީ މަސައްކަތް ފަށާނެ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމާނެ ކަމަށެވެ. އަދި ކޮމަންޑޫގައި މިހާރު ޖަހައިފައިވާ ރިވެޓްމެންޓް ބަދަލުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީން ވަނީ މިއަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު ދެ ކޮމަންޑޫ ގުޅުވައިލުމަށް ހަދަންޖެހޭ ސާވޭތައް ހަދައި ނިންމައިފައެވެ. އެމްޓީސީސީން އެ ދުވަހު ބުނެފައިވަނީ ސާވޭގެ ދަށުން ބުރިޖުގެ ފުންމިން ބެލުމަށްޓަކައި ބާހޯލު ތޮރުފައިގެން ބެޑްރޮކް ހުރި މިންގަނޑު ބަލައިފައިވާނެ ކަމަށެވެ. އަދި ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖުގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މަތިކޮމަންޑޫ ބިން ހިއްކައި ކޮމަންޑޫއާ ގުޅުވާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުުކޮށްފައިވަނީ 235.75 މިލިއަން ރުފިޔާއަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

އެ މަޝްރޫއުގެ ދަށުން ކޮމަންޑޫގައި 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަނި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮއްޓެއް ގާއިމުކުރާނެއެވެ.