ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީސީ)ގެ ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ފުރާނައަށް ނުރައްކާވާ ބައްޔަކަށް ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް، އަދީބުގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެ އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން އެމްޓީޑީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އަދީބު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ނާރުތަކާ ގުޅޭ ސީރިއަސް އަދި ފުރާނައަށް ނުރައްކާވާ ބައްޔަކަށް ކަމަށެވެ.

"އެ ބަލި ދެނެގަނެވުނީ 2015 އިން 2018 ވަނަ އަހަރަށް، ތިން އަަހަރު ވަންދެން 24 ގަޑިއިރަށް އަދީބު ޖަލު ގޮޅީގައި ބަންދުގައި އޮންނެވުމުން. އެގޮތަށް ބަންދުގައި ބެހެއްޓުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނާވެސް ހިލާފުކަމެއް،" އެމްޓީޑީން ބުންޏެވެ.

ލޮލަށާއި މައިބަދައަށް މިހާރުވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު، އޮގަސްޓް 2019ގައިވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދިނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވުމުން އަދީބު ވަނީ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ސިއްހީ ހާލަތު ގޯސްވެ، އިންޑިއާއަށް ވަޑައިގެން އަދީބު ފަރުވާ ހޯއްދެވި އިރު، އެފަހުން އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.