މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އައިޖީއެމްއެޗުގެ އެމަޖެންސީގައި ފަރުވާ ދޭން ފަށައިފިއެވެ.

"ވަން" އަށް އެނގިފައިވާ އަދީބަށް ފަރުވާ ދެނީ ހަބަރު ހުސްވެގެންނެވެ. އަދީބުގެ ސިއްހީ ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އަދި ސާފުވާގޮތް ވަނީ ނުވެފައެވެ. އަދީބަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

އަދީބަށް މީގެ ކުރިން ވެސް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފައެވެ. އެއީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

އަދީބަކީ ލޮލަށް އަދި މައިބަދައަށް މިހާރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވުމުން އަދީބު ވަނީ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން އިންޑިއާއަށް ވަޑައިގެން އަދީބު ވަނީ ބޭސްފަރުވާ ހޯއްދަވައިފައެވެ. ބޭސްފަރުވާއަށްފަހު އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން އަދީބުގެ ޖަލު ހުކުމް ގެއަށް ބަދަލުކުރީ ސިއްހީ ހާލަތާ ގުޅޭގޮތުން ޑޮކްޓަރު ދެއްވާފައިވާ ލިޔުމަށް ރިއާޔަތްކޮށެވެ.