ވަކިވަކި ނޫސްވެރިންނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަދައްކާ ކަމަށް ބުނެ، އެކަން ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސް ހުންނަވައި އުފައްދަވަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ނޫސްވެރިންނަށް ވައްކަމާއި ނުފޫޒުގެ ތުހުމަތު ކުރައްވައި ސަރުކާރުން ނޫސްތައް ގަނެފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެކަމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއ، އިންޒާރުތަކާއ، އަދި އެ ނޫންވެސް ގޮންޖެހުންތަކުގެ އިތުރުން މިހާރަކަށް އައިސް ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ވަރަށް ފާޅުގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމްތައް އަޅުވަމުންދާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެންސީން ބުނީ، ޒިންމާދާރުކަމާ އެކު ނޫސްވެރިކަން ކުރާ ފަރާތްތަކުގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށްވެސް ގެއްލުން ލިބޭ ކަމެއް ކަމަށާއި ވަކިވަކި ނޫސްވެރިިންގެ އަގުވައްޓާލައި ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ މީޑިއާގެ މިނިވަންކަމަށްވެސް އެޅިގެންދާ ހުރަހެއް ކަމަށެވެ. އަދި އެއީ ސަރުކާރާއި އެ ނޫން ފަރާތްތައް ޖަވާބުދާރީ ކުރުމަށްވެސް އެޅޭ ހުރަހެއް ކަމަށް ބުންޏެވެ.
"ވަކިވަކި ނޫސްވެރިންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް، ތުހުމަތު ކުރުން ހުއްޓާލަން އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.،" މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ވަނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާއިރު ގާނޫނާއި ގަވާއިދުގެ ތެރެއިން، ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑާއި އުސޫލުތަކުގެ ތެރެއިން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް ނޫސްވެރިންނަށް އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު