ޚަބަރު

ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓަކާއެކު މަސައްކަތްކުރަން ވެސް ތައްޔާރު: ހަސަން ލަތީފް

އަންނަ ރިޔާސީ އިންތިހާބުގައި މިހާރު އޮތް ސަރުކާރު ބަދަލުކުރުމަށް އެއްބަސްވާ ޕާޓީތަކާ އެކުގައި ކުރާ މަޝްވަރާތަކުގައި ޕާޓީތަކުން ތާއީދުކުރާ އެއް ކެންޑިޑޭޓެއްގެ ފަހަތަށް އެރުމަށްވެސް "ދަ ޑިމޮކްރެޓްސް" އިން ތައްޔާރަށް އޮތް ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ދިނުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، މި ސަރުކާރު ބަދަލުކުރުމުގެ ވާހަކަ މިހާރު ޓްރެންޑަކަށް ވެފައިވާ ކަމަށެވެ.

"އިންތިހާބުގައި ކުރާ މަސައްކަތުގެ ތެރެއިން އެހެން ޕާޓީތަކާއެކުގައި މަސައްކަތްކޮށްގެން ކޮމަން ކެންޑިޑޭޓަކު، އެއް ކެންޑިޑޭޓަކު އަޅުގަނޑުމެންނަށް ކުޑަކޮށްލެވިއްޖެއްޔާ، މަދުކޮށްލެވިއްޖެއްޔާ އޭގެ މާނައަކީ ޕީޕީއެމްވެސް ރުހި ގަބޫލުވާ ކެންޑިޑޭޓެއް، އަދި އަޅުގަނޑުމެންވެސް ގަބޫލު ކެންޑިޑޭޓެއް، އަދި އަޅުގަނޑު އުންމީދުކުރަނީ ޖުމްހޫރީ ޕާޓީންވެސް އެއާ އެއްބަސްވެވަޑައިގަންނަވާނެ ކަމަށް،" ހަސަން ލަތީފް ވިދާޅުވިއެވެ.

"މި ދަންނަވާ ކަހަލަ ކެންޑިޑޭޓެއް އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަމަށްވަންޏާ އަޅުގަނޑުމެން މިތިބީ އެ ކެންޑިޑޭޓެއްގެ ފަހަތަށްވެސް އަރައި ކޮމަން ކެންޑިޑޭޓަކާއެކުގައިވެސް މަސައްކަތް ކުރަން ތައްޔާރަށް،"

ހަސަން ވިދާޅުވީ، ޑިމޮކްރެޓްސްއިން ފޮރިން ބައެއް ޕޮލިސީތައް ދަމަހައްޓާނެ ކަމަށާއި އެއްވެސް ގައުމަކާ ދެކޮޅުވުމަކީ ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އިދިިކޮޅު ޕީޕީއެމުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނަކީ ޑިމޮކްރެޓްސްއިން ތާއީދުކުރާ ކަމެއް ނޫން ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

"އެފަދަ ހަރަކާތްތައް ހިންގާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ އެ ބަޔަކާއެކު މަސައްކަތް ކުރަން،" ހަސަން ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ކެންޑިޑޭޓަކު ދައްކާނެ ކަމަށެވެ.