ޓެރަރިޒަމް ހަމަލައެއް ދީފާނެ ކަމަށް ލަފާކޮށް ޓްރެވަލް އެޑްވައިޒަރީ ނެރުނީ ރާއްޖެއަށް އަމާޒުކޮށް ނޫން ކަމަށް އިނގިރޭސިވިލާތުން، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކެރޯން ރޮސްލާ ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އެބައޮތްކަން ފާހަގަކޮށް އިނގިރޭސި ވިލާތުން ޓްރެވަލް އެޑްވައިޒަރީ ނެރުނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެ އެލާޓް ބުނެފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން އަދި ބިދޭސީން ގިނައިން އުޅޭ ތަންތަނަށް ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެލާޓާ ގުޅިގެން ކެރޯން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓްރެވަލް އެޑްވައިޒަރީ ނެރުނީ ހުރިހާ ގައުމަކަށް ކަމަށާއި އެއީ ރާއްޖެއަށް އަމާޒުކޮށް ނެރުނު އެލާޓެއް ނޫން ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހު އެމެރިކާއިންވެސް ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީ އެލާޓް ރީނދުލަށް މަތިކޮށްފައެވެ. ނަމަވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަށް "ވަން" އިން ގުޅުމުން ވިދާޅުވީ، އެފަދަ ކަށަވަރު މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އެމެރިކާއިންވެސް އެފަދަ މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ.