އެތެރޭގެ ގޮންޖެހުންތަކުގެ ސަބަބުން ލިބުނު ހިތާމަ އާއެކު އެމްޑީޕީން ކުރި ދަތުރަކީ ފުން ތަޖުރިބާއެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ދެފަޅިވެ، އެ ޕާޓީގެ ރައީސަކަށް އޭރު ހުންނެވި މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރު އަދި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެއް އުފެދި، ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެ، ނަޝީދަށް ތާއީދުކުރައްވާ މެންބަރުންތަކެއް ވަނީ އެމްޑީޕީ ދޫކުރައްވައި "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ. އޭގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވަނިކޮށް، މި މަހުގެ 21 ވަނަ ދުވަހު އެ މަނިކުފާނު ވަނީ 17 އަހަރަށް ފަހު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ދެއްވި ވީޑިއޯ ހިތާބުގައި ފައްޔާޒު ވިދާޅުވީ، ކާމިޔާބާ ހަމައަށް ވާސިލުވުމަށް ގިނަ ގޮންޖެހުންތަކެއް އެމްޑީޕީއަށް ކުރިމަތިވި ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީގެ އެތެރޭގައި ހުރި ގޮންޖެހުންތައް ކަމަށެވެ.
"އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އުނދަގޫ މަރުހަލާ. ކެތްތެރިކަމާ އެކު ޕާޓީގެ އަސާސް ހިފެހެއްޓި އެމްޑީޕީގެ އަސާސް ކަމުގައިވާ ޑިމޮކްރަސީގެ ހަމަތައް އެންމެ ކުރިއަށް ނެރެގެން، ހިތި ހަގީގަތްތަކާ އެކު ހިތުގެ އެއްފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީން ބަރުދާސްތު ކުރި ކުރުން، އެއީވެސް ލިބުނު ފުން ތަޖުރިބާއެއް،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއްވެސް ފަރުދަކަށްވުރެ އެމްޑީޕީ މާބޮޑުވާނެ ކަމަށާއި އެ ފަލްސަފާ އެމްޑީޕީގައި އަށަގަތުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ފުރުސަތު އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީގައި ކުރިއަށް ދިއުމަށް ހަސަބާ ނަސަބަށް ނުބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު