އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެޑައިގަތް ނަމަވެސް އެ ޕާޓީއަށް މާ ބޮޑު ހީނަރުކަމެއް ނާންނާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރެއްވުމަށްފަހު، ދައުރުގެ މެދުތެރެއިން ރައީސް ނަޝީދު ރައީސުލްޖުމްހޫރިްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވިއެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި އަނެއްކާ ވާދަ ކުރެއްވި ނަމަވެސް އެ އަހަރު އެމަނިކުފާނު ފެއިލްވެ ވަޑައިގެންނެވިއެވެ. އެމްޑީޕީގައި އޮތް ރައީސް ނަޝީދުގެ ބާރު ކެނޑެން ފެށީ، 2018 ވަނަ އަހަރު ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ދޫކޮށްލެއްވި ހިސާބުންނެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެއީ 17 އަހަރު އެމްޑީޕީގައި އުޅުއްވުމަށްފަހުއެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް އަލުން ގުޅިވަޑައިގަތުމަށް ސޯލްޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އެ ޕާޓީން ވަކިވުމަކީ ޕާޓީއަށް ހީނަރުކަމެއް އަންނަ ކަމެއް ނޫން ކަމަށެވެ.
"ރައީސް އެމްޑީޕީން ވަކިވެވަޑައިގަތުމަކީ މި ޕާޓީއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް، ދެރައެއް. އެހެން ނަމަވެސް މި ޕާޓީއަކީ މިއަދު އެއްވެސް މީހަކަށް ބަރޯސާވާ ގޮތަކަށް އޮތް ޕާޓީއެއް ނޫން" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، މި ސަރުކާރުގެ ދައުރުގައި އިދިކޮޅެއް ނެތް ކަމަށާއި އިދިކޮޅެއް އޮތީވެސް އެމްޑީޕީގެ ތެރޭގައި ކަމަށެވެ. ފައްޔާޒް އެ އިޝާރާތް ކުރެއްވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެމްޑީޕީން ވަކިވެވަޑައިގަތް މެންބަރުންނަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ދަ ޑިމޮކްރެޓްސްއަކީ ޒިންމާދާރު އިދިކޮޅަކަށްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު