ރިޓްޒް ކާލްޓަން މޯލްޑިވްސް ރިސޯޓުގައި ޗައިނާގެ ފަތުރުވެރިޔަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ ބަޓްލަރުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ރިޓްޒް ކާލްޓަން މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ފަތުރުވެރިއެއް ކަމަށްވާ ޒޫ ޔިޓޮން ވަނީ އެ ރިސޯޓުގެ ބަޓްލަރެއް ކަމަށްވާ އުޝާމް އޭނާއަށް ޖިންސީ އަނިޔާކޮށް ރޭޕްކުރި ކަމުގެ ތުހުމަތުކޮށްފައެވެ.

ޒޫ ޔިޓޮންގެ ފަރާތުން އެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައިވާ އިރު، ފުލުހުން ބުނި ގޮތުގައި މާލެ އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ރޭޕް ކޮށްފައިވާ މައްސަލައެއް މި މަހުގެ ހަ ވަނަ ދުވަހު ހުށަހަޅާފައިވާތީ އެ މައްސަލައާ ގުޅިގެން ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގައި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުރުން މަނާކުރުމުގެ އަމުރަކަށް ކޯޓުގައި އެދުމުން 22 ޖޫން 2022 އިން ފެށިގެން އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެދީފައިވާ ކަމަށެވެ. އަދި އެއީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވެނީ ހއ. އުތީމު ރިހިއަލި އަހުމަދު އުޝާމް އަށެވެ.

ރޭޕްގެ ޝިކާރައަކަށްވި ޒޫ ޔިޓޮން ވަނީ އޭނާއަށް ލިބިފައި ހުރި އަނިޔާ ފެންނަ ފޮޓޯތަކަކާއެކު ރޭޕް ކުރިގޮތް ސޯޝަލް މީޑިއާގައި ތަފްސީލުކޮށް ކިޔައިދީފިއެވެ. ޓުވިޓާގައި ޒޫ ޔިޓޮން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ކަކުލަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. އޭގެ އިތުރުން އޭނާގެ މޭ މަތީގައި ވަކި އަޅާފައިވާކަމުގެ ނިޝާންތަކެއް ވެސް ފެންނަން ހުއްޓެވެ.

އެ ވާހަކަތައް ޓުވިޓާގައި ހިއްސާކުރަމުން ޒޫ ޔިޓޮން ބުނީ އޭނާ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައީ މިމަހުގެ ހަވަނަ ދުވަހު ކަމަށާއި މިމަހުގެ ދިހަވަނަ ދުވަހު އެނބުރި ޗައިނާއަށް ފުރުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، އިތުރަށް މަޑުކުރަން ބޭނުންވެގެން މަޑުކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ފޯނު ހަލާކުވެގެން އާއިލާއަށް ގުޅޭނެ ގޮތެއް ނެތުމުން އެކަން ފްރަންޓް ޑެސްކަށް އެންގުމުން ފޮނުވީ ބަޓްލަރަކަށް މަސައްކަތްކުރާ އުޝާމް ކަމަށާއި އުޝާމްގެ ފޯނުން އޭނާގެ އާއިލާއަށް ވާހަކަދައްކައި ނިމުނު ފަހުން ކޮޓަރިން ބޭރަށް ގޮސްފައި އުޝާމް ދެވަނަ ފަހަރަށް އޭނާގެ ކޮޓަރިއަށް އައުމަށްފަހު ޖިންސީ ގުޅުން ހިންގަން މަސައްކަތްކޮށް އެކަމަށް އޭނާ ދެކޮޅު ހެދުމުން ވެސް ޖިންސީ ގުނަވަންތަކުގައި އަތްލަމުންދިޔަ ކަމަށް ބުނެ ވަރަށް ތަފްސީލުކޮށް އެކަންކަން ހިނގައިދިޔަ ގޮތް އޭނާ ވަނީ ކިޔައިދީފައެވެ.

ރިސޯޓަށް އެކަން އެންގުމުން ދެ މުވައްޒަފަކު ކޮޓަރިއަށް ފޮނުވައި ހެއްކެއްގެ ގޮތުގައި، ބޭނުންކުރަން ހުރި ލެޕްޓޮޕާއި ތުވާލިވެސް އެމީހުން ގެންދިޔަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އެއީ ފުލުހުންނާ ހަވާލުކުރަން ޖެހޭ އެއްޗެހިތަކެއް ކަމަށް ބުނެފައިވާނެ ކަމަށްވެސް ޒޫ ޔިޓޮން ބުންޏެވެ.

"ރިސޯޓުގެ ދެ މުވައްޒަފުން އައިސް މަސައްކަތް ކުރީ އެއްވެސް ކަމެއް ނުވާ ކަމަށް ހެދުމަށް. ފުލުހުން އައިސް، އަހަރެންގެ ބަޔާން ނެގި. އަހަރެންގެ އަނގައިން ސާމްޕަލް ވެސް ނެގި. އަދި ފުލުހުން ބުނީ ނަތީޖާ ލިބޭނީ ހަފުތާއެއް ފަހުން ކަމަށް. ނަތީޖާ އައުމުގެ ކުރިން އަހަރެން ފުރައިގެން ދިއުމަށް އެންގި. އުޝާމް ހައްޔަރު ކުރާނެ ސަބަބެއް އަދި ނެތް ކަމަށް ވެސް ބުނި. އަހަރެން މެޑިކަލް ޓެސްޓެއް ވެސް ހެދިން. މުޅި ގައިގެ އެކި ތަންތަނުގައި އަނިޔާގެ ނިޝާންތައް ހުރި،" އޭނާ ކިޔައިދިނެވެ.

ޒޫ ޔިޓޮން އިތުރަށް ބުނީ ވީހާވެސް އަވަހަކަށް ރިސޯޓުން ދިއުމަށް ރިސޯޓުން އެދުނު ކަމަށާއި އެ މައްސަލައަކީ ރިސޯޓުގެ މައްސަލައެއް ނޫން ކަމަށް ރިސޯޓުން ބުނެފައިވާ ކަމަށެވެ. އަދި ރިސޯޓުން އެކަމަށް މައާފަށް އެދިފައިނުވާ އިރު، ދިއުމުގެ ކުރިން މުވައްޒަފުންތަކެއް ޓިޕްސްއަކަށް ވެސް އެދުނު ކަމަށް އޭނާ ބުންޏެވެ.

އެކަމަކީ ރިސޯޓުގައި ހިލޭ ހުންނަން ބޭނުންވެގެން ކޮށްފައިވާ ކަމެއް ކަމަށް ރިސޯޓުން ތުހުމަތުކުރި ނަމަވެސް ރިސޯޓަށް އެއްކޮށް ފައިސާ ދައްކާފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާގެ އާއިލާއަކީ އޮސްޓްރޭލިއާގައި ދިރިއުޅޭ ފުދުންތެރި އާއިލާއެއްކަން ވެސް އޭނާ ފާހަގަކުރިއެވެ. މި މައްސަލައިގައި ރިސޯޓްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.