ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިގެން ނަމަވެސް މަޖިލިސް ކުރިއަށް ގެންދަންޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު ހަތް މަހުގައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމާއެކު ނަޝީދު ވަނީ އެ މައްސަލައިގައި ގޮތެއް ނިމެންދެން ރިޔާސަތުން އެކަހެރިވެވަޑައިގެންފައެވެ. ނަމަވެސް ރައްޔިތުންގެ މަސްލަހަތު އިސްކުރެއްވުމަށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ މިއަދު ބޭއްވި މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންފައެވެ. އަދި ދައުރު ދަންމާލަން އެމްޑީޕީން އެދިފައިވަނިކޮށް ނަޝީދު ވަނީ މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާނުކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ނަޝީދު ބޭނުންފުޅުވުމުން މަޖިލިސް ހިންގޭނެކަން މިއަދު އެމަނިކުފާނު ސާބިތުކޮށްދެއްވައިފި ކަމަށާއި މަޖިލިސް ހިންގަން ޖެހޭނެ ކަމަށާއި މަޖިލިސް ހުއްޓުވާފައި ބޭއްވިގެން ނުވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭނުންފުޅުވީމާ އެ ޖަލްސާ ހަމަ އެބަ ބޭއްވޭ. މަޖިލިސް ހުއްޓިފައި އޮތީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި މެންބަރުންގެ އަޣުލަބިއްޔަތުން ސޮއިކުރެއްވުމުން ކަމަށް ގަބޫލުކުރައްވާނަމަ، މަޖިލީހުގެ ރައީސްކަމުން ނަޝީދު އިސްތިއުފާދެއްވާފައި ނަމަވެސް ގާނޫނު ހަދާ މަޖިލިސް ހިގަންޖެހޭނެ،" މިއުވާން ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ، މަޖިލިސް ހުއްޓިފައި އޮތުމުން ބޮޑަށް ގެއްލުންވަނީ ރައްޔިތުންނަށް ކަމަށެވެ.

މަޖިލީހުގެ ދައުރުތައް ބެހިފައިވާ ގޮތުން، އީދު ބަންދު ކުރިއަށް އޮތުމާ ގުޅިގެން، މިއަދު ބޭއްވީ ދެވަނަ ދައުރުގެ ފަހު ޖަލްސާއެވެ. ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހެވެ.