ހުޅުމާލޭގައި އިމާރާތްކުރަމުންދާ ''ސިފްކޯ ހިޔާ'' ފުލެޓްތަކަށް، ސިފައިންގެ އާއިލާތަކަށް އަންނަ ޖުލައި މަހު ވަދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، އެތަނުގައި ހުރީ ހަމައެކަނި ކޮންކުރީޓު ސްޓްރަކްޗާއެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފްކޯ ފުލެޓުގެ މަސައްކަތަށް ދެއްވާ އަހައްމިއްޔަތުކަމުގެ ސަބަބުން މިހާރު އެ ފުލެޓުތަކުގެ މަސައްކަތް ވަނީ ނިމެން ކައިރިވެފައި ކަމަށެވެ.

"މިއަންނަ ޖުލައިގެ ނިޔަލަށް އާއިލާތަކަށް ވަދެވޭނެ ކަމަށް ސިފްކޯއިން އެބަ ޔަގީންކަން ދެއްވާ. މިކަމަށް ސަރުކާރުން ވަނީ ބޮޑު ހޭދައެއް ކޮށްފަ،" މާރިޔާ ވިދާޅުވިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ސިފްކޯ ހިޔާ ފްލެޓްތަކަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، 2013 ވަނަ އަހަރުގެ ތެރޭގައި ހަވާލު ކުރި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ފުރަތަމަ ނޫމަޑިއާ ހަވާލު ކުރީ އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް ސަރުކާރުން ދިނުމަށްފަހު، ކޮންޓްރެކްޓް ފައިނޭންސް އުސޫލުން އަނެއް ބައި އެ ކުންފުނިން ލާގޮތަށެވެ.

އަށާރަ މަސް ދުވަސް ތެރޭ ނިންމާ ގޮތަށް ހަވާލުކުރި ނަމަވެސް އެކި މައްސަލަތަކާ ހުރެ މަޝްރޫއުގެ މަސައްކަތް ލަސްވެ އެކި ފަހަރުމަތިން އެކި ފަރާތްތަކާ މި ޕްރޮޖެކްޓް ވަނީ ހަވާލުކޮށްފައެވެ. ރައީސް ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ވަނީ އެ މަސައްކަތް އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ނަމަވެސް އެކުންފުނި ބަނގުރޫޓްވުމުން، އެ މަސައްކަތް ނިންމަން މި ސަރުކާރުން، 2021 ވަނަ އަހަރު ވަނީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ ހަވާލުކޮށްފައެވެ.