ސިފައިން ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަޅުމުންނާއި ފާރުމަތިން އުކުން މިހާރު މާޒިވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ސިފައިން ބޭނުންކޮށްގެން ކޯޓުގެ ހުރުމަތް ކަނޑައި، ފަނޑިޔާރުންގެ މަސައްކަތައް ހުރަސް އެޅުން މިހާރު އެއްކޮށް މާޒީވެފައިވާ ކަމަށެވެ. އަދި ޑިމޮކްރަސީގެ އެ ދަތުރު ކުރިއަށް ގެންދިއުމަށް ނުވަތަ ފަހަތަށް ސޮއްސާލުމުގައި ސިފައިންގެ ދައުރު ބޮޑު ކަމަށް ވެސް ވިދާޅުވިއެވެ.
"ސިޔާސީގޮތުން ވިސްނުން ތަފާތުވުމުން، ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ މަސައްކަތަށް ހުރަސް އެޅުމަށް ސިފައިން ބޭނުންކޮށް، މަޖިލިސްގެ ތަޅުމުންނާއި ފާރުތައް މަތިން ސިފައިން ލައްވައި މަޖިލިސް މެމްބަރުން އުކުން މިވަނީ މާޒީވެ ގޮސްފައި. ހިތްހަމަނުޖެހޭ ހުކުމެއް ލިބުމުން ސިފައިން ބޭނުންކޮށްގެން ފަނޑިޔާރުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ކޯޓުގެ ހުރުމަތް ކެނޑުންވެސް މިވަނީ މާޒީގެ ސޮފްހާތަކަށް ވަދެގެން ގޮސްފައި،" މާރިޔާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިސް ޖަލްސާތަކުގައި އެއިރުގެ އިދިކޮޅު އެމްޑީޕީ އަދި ޕީޕީއެމުން ވަކިވި 12 މަޖިލިސް މެމްބަރުން އަޑުގަދަކޮށް ހަމަނުޖެހުން އުފައްދާ ކަމަށްބުނެ ސިފައިން ވަނީ މަޖިލީހަށް ވަދެ އެ މެމްބަރުން މަޖިލިސް އިދާރާއިން ބޭރުކޮށްފައެވެ. އެ މެމްބަރުން ބޭރުކުރީ މަޖިލީހުގެ ގޭޓު މަތިންނާއި ފާރު މަތިންނެވެ.
އޭގެ އިތުރުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެއިރު ހައްޔަރުކޮށްފައި ތިބި ސިޔާސީ މީހުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެއީ ރިޝްވަތު ނަގައިގެން ނެރުނު އަމުރެއް ކަމަށް ތުހުމަތުކޮށް ސަރުކާރުން ވަނީ ސިފައިން މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ފުރާޅު ނަގައި، އެތަނުން ވަދެ އެއިރުގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައެވެ.
މާރިޔާ މިރޭ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ސުލްހަމަސަލަސްކަން ގެނެވޭނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށެވެ. ރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމެއްކަމަށްވުމުން މިއީ ގައުމީ ހަޔާތަށްވެސް ވަރަށް ނާޒުކު ފައްތަރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިއަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު. އިންތިހާބުގެ އަހަރަކީ އަބަދުވެސް ސިޔާސީ މީހުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި، ސިފައިން ވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރާ ދުވަސްވަރެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެއަށް ބޭނުންވާ ސުލްހަމަސަލަސްކަން ދެމެހެއްޓޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބިގެން. އެހެންނަމަވެސް ސިފައިންނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ގާނޫނުން މަނާ ކުރެވިފައިވާ ބައެއްކަން ހަނދާންކޮށް ދިނުމާއެކު، އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރިނުވުމަށް ތިޔަ ހުރިހާ ސިފައިންނަށް އަޅުގަނޑު ނަސޭހަތްތެރިވަން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި އެއިރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާ ހިތްހަމަނުޖެހޭއިރަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިފައިން ވަޒީފާއިން ވަކިކޮށް، އަދަބު ދިނުމަކީ "އެމީހެއްގެ އަމިއްލަ ފުރާނައަށްވުރެ ގައުމުގެ ސަލާމަތް އިސްކޮށް ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބޭ ބަޔަކާ މެދު ވެވޭ ބޮޑު ބޭއިންސާފެއް" ކަމަށެވެ.
ސިޔާސީ ނުފޫޒުން އެއްކިބާވެ، ރޭވި ތަރުތީބުވެފައިވާ އަދި އިންސާފުވެރި އަސްކަރީ އަދުލުގެ ނިޒާމެއް އެމްއެންޑީއެފުގައި ތައާރަފުކުރިތާ މިހާރު ދެ އަހަރު ވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ވެރިކަންތަކުން ސިފައިން ބޭނުންކުރީ ސިޔާސީ ބޭނުމަށް ކަމަށާއި ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސިފައިން ކޮމްޕްރޮމައިޒްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު