ސައުދީ އަރަބިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިނަސް އިން ރާއްޖެއަށް ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.
ސައުދީގެ ފަތުރުވެރިންގެ މާކެޓު ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ރާއްޖެއަށް އަލަށް ދަތުރުތައް ފެށި ފްލައިނަސް އެއާލައިންގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދުއެވެ. 96 ފަސިންޖަރުންނާއެކު މިއަދު ހެނދުނު 8:00 ގައި ވީއައިއޭއަށް ޖެއްސި މި ފްލައިޓަށް ވަނީ ހާއްސަ ވޯޓާ ސެލިއުޓަކާ އެކު މަރުހަބާ ކިޔައިފައެވެ.
ފްލައިނަސްގެ ދަތުރު ފެށުން ފާހަގަކުރުމަށް ވީއައިއޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ އިރު، އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުالله މައުސޫމާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުالله އަލް އަޖަލިން އަލްޑޯސަރީ އާއި ފްލައިނަސްގެ ވައިސް ޕްރެޒިޑެންޓް އޮފް ސޭލްސް އަލީދީ އަބްދުالله ސުލައިމާން އަދި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހްޖޫބް ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.
ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް ފެށުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ފްލައިނަސް އިން ދަތުރުތައް ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވީއައިއޭގެ އިތުރުން ރާއްޖޭގެ އެކި އެއާޕޯޓުތަކަށް ދަތުރުތައް ކުރުމަށް އެހެން އެއާލައިންތަކާ އެކު މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފްލައިނަސް ސޭލްސްގެ ވައިސް ޕްރެޒިޑެންޓް އަލީދީ އަބްދުﷲ ސުލައިމާން ސިފަކުރެއްވި ގޮތުގައި ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ އެ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ޕްލޭންއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ފްލައިނަސް އިން ރާއްޖެ އަށް ދަތުރުކުރާނީ ރިޔާދުގައި ހުންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ހަފުތާއަކު ތިން ފްލައިޓް ބާއްވަން ނިންމާފައިވާ އިރު، މި ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މިދަތުރުތަކުގައި އެ އެއާލައިނުން ބޭނުން ކުރާނީ 170 މީހުންގެ ޖާގައިގެ އެއާބަސް އޭ320 ނިއޯ މަރުކާގެ ބޯޓެވެ.
ފްލައިނަސްގެ އިތުރުން އެމެރިކާގެ ވާޖިން އެޓްލާންޓިކް އިން ވެސް މި އަހަރު ވީއައިއޭއަށް ދަތުރު ފަށަން ވަނީ ނިންމައިފައެވެ. ފްލައިނަސް އިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކުގެ ސަބަބުން އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އިތުރުން ސައުދީއަށް ދަތުރުކުރާ ދިވެހިންނަށްވެސް ދަތުރުފަތުރުގެ ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު