ރައްޔިތުންގެ މަޖިލިސް ނުހުއްޓި ހިނގާނެ ގޮތެއް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ހަސަން އަފީފް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހާޅަފައިވާތީ، އެމަނިކުފާނު ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް އަފީފް ވަނީ އިއްޔެ މެންދުރު ރައީސް ސޯލިހާ، ރައީސް އޮފީހުގައި ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެ ބައްދަލުވުމުގައި މަޖިލިސް ހުއްޓިފައި ނޯންނާނެ ގޮތަކަށް ކަންކަން ކުރެއްވުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.

"ރައީސް ވިދާޅުވެފައިވަނީ ގާނޫނީ ގޮތުންވެސް މަޖިލިސް ހުއްޓުވޭނެ ގޮތެއް މިހާރު ނެތް ކަމަށް." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، އެ ބައްދަލުވުމުގައި އަފީފް ދެއްކެވި ވާހަކަތަކުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ، މަޖިލީހުގެ ނައިބު ރައީސާއި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ފަހަރާ މަޖިލީހަށް ވައްދައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ފަހަރަކު ބޭފުޅެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.