އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ކުރާ އިތުބާރު ކުޑަވިޔަސް، ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވައިނުލެވޭނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ބުނެފިއެވެ.

ޓްރާންސްޕާރެންސީން ކުރިއަށްގެންދިޔަ "ޕްރީ އިލެކްޝަން އެސެސްމެންޓް 2023"ގެ ހޯދުންތަކާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2008 ވަނަ އަހަރުން ފެށިގެން އައި ރިޔާސީ ދައުރުތަކުގެ ތެރެއިން މި ރިޔާސީ ދައުރުގައި މާބޮޑަށް ސިޔާސީ މިނިވަންކަން ފެނިފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ އިދާރީ ކަންކަމަށް ބަލާއިރު ހާމަކަން ބޮޑު އަދި މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ގާބިލުކަން އީސީއަށް ލިބިފައިވާ ކަމަށާއި ވޯޓު އޮޅުވާލުމުގެ ފުރުސަތު ނެތް ކަމަށް ބުންޏެވެ.

"އިންތިހާބު ބާއްވާ ދުވަހު ވޯޓުލުމުގެ ކަންކަން ރޭވިފައިވާ ގޮތުން ނިޒާމީ ގޮތެއްގައި ވޯޓު އޮޅުވާލުމުގެ ފުރުސަތު ކުޑަކަން ފާހަގަކުރެވެއެވެ. ވޯޓުލުމުގެ މަރުހަލާގެ ކަންކަން ބެލުމުގެ ފުރުސަތު މޮނިޓަރުންނާއި، އޮބްޒާވަރުން އަދި ކެންޑިޑޭޓުން ތަމްސީލުކުރާ މަންދޫބުންނަށް ހުޅުވިފައިވުމާއި، އަދި ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭނެ ފަދަ ސީރިއަސް ނިޒާމީ މައްސަލަތަކެއް ނެތް ކަމަށްވެސް ގަބޫލުކުރެވެއެވެ..،" ޓްރާންސްޕޭރެންސީން ބުންޏެވެ.

ނަމަވެސް ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު ޔަގީންކަން ނެތް ބައެއް ކަންކަން އެބަހުރި ކަމަށާއި ސިޔާސީ މަޝްރަހު ހުރި ގޮތުން އިތުރު ކަންތައްތަކެއް ފެންމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނީ އެހެން ފަހަރުތަކާ އެއްގޮތަށް މިފަހަރުގެ ރިޔާސީ އިންތިހާބަށްވެސް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށެވެ. ސަރުކާރުން ގެންދަނީ އިންތިހާބާ ދިމާކޮށް މަޝްރޫއުތައް އިއުލާންކުރަމުން ކަމަށާއި އެފަދަ ކަންކަމަކީ ވޯޓުލާ ފަރާތްތަކަށް ނާޖާއިޒު ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ލީޑަރު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިދީފައިނުވުމަކީ ރާއްޖޭގައި ވާދަވެރި ލީޑަރުންނަށް އިންތިހާބުތަކާ ދިމާކޮށް ދިމާވާ ގޮންޖެހުންތަކުގެ ބައްޓަމަށް ފެތޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެމުގެ ފުރުސަތު އޮންނާނެ ކަމަށާއި 2018 ގައި އެއިރުގެ ގިނަ ވާދަވެރި ލީޑަރުންނަށް އިންތިހާބުގައި ކުރިމަތި ނުލެވުނީ މިފަދަ ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ސަރުކާރުން ގެންދަނީ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން ކަމަށް ސާވޭއަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށާއި އެންމެ ބޮޑަށް ނުފޫޒު ފޯރުވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އެ ފަރާތްތަކުން އިތުބާރު ކުރާކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ޓްރާންޕޭރެންސީން ބުނީ އެ މައްސަލަތަކުގެ އިތުރުންވެސް ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެއްވެ އުޅުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން ދައުލަތުން ކަށަވަރުކުރަން ޖެހޭ ކަމަށާއި ވާދަވެރި ޕާޓީތަކުގެ ލީޑަރުންނަށް ކުރާ ޝަރީއަތްތަކަކީ އިންސާފުވެރިކޮށް އަދި ވީހާވެސް އަވަހަކަށް ކުރިއަށްގެންދާ ޝަރީއަތްތަކަށް ވާންޖެހޭނެ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

މީޑިއާތަކަށް، ދައުލަތުން ފައިސާ ދޭނަމަ މީޑިއާގެ މިނިވަންކަމާއި ވަކި ކޮޅަކަށް ނާޖާއިޒުކޮށް ބުރަވެފައި އޮންނަން ނުޖެހުން ކަށަވަރުކުރަން ހާމަކަން ބޮޑު އުސޫލެއް އޮންނަންވާނެ ކަމަށެވެ. އަދި އިންތިހާބާ ގުޅޭގޮތުން ހޭލުންތެރިކުރުމާއި ދައުލަތުގެ ކުންފުނިތައް ހިންގުމަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރެވޭނެ ގޮތަކަށް ގަވައިދު އެކުލަވައިލަން ޖެހޭ ކަމަށްވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.