އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަމުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރެވޭނެ އުކުޅެއް ތައްޔާރުކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބަށް މާ ގިނަ ދުވަސްތަކެއް ނެތް ކަމަށާއި އެމްޑީޕީ އޮތީ ގަދަކޮށް ކަމަށެވެ.
"އިދިކޮޅު އެންމެންގެ ބުރަ މަސައްކަތަކީ މި ޕާޓީގެ ކެންޑިޑޭޓު ރައީސް ސޯލިހު ބަލިކުރާނެ އުކުޅެއް ތައްޔާރުކުރުން، އެކަން ކުރެވޭކަށް ނެތް. އެއްގަލަކަށް އެ ވެރިންނަކަށް އެރޭކަށް ނެތް. ޕާޓީ އެއްބަސްވާ ކެނޑިޑޭޓަކު ނެރެވޭކަށް ނެތް،" މޫސަ ވިދާޅުވިއެވެ.
އެމްޑީޕީ ދެ ފަޅިވެ، 12 މެންބަރަކު ޕާޓީން ވަކިވެ، މިހާރު ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް އުފަން ކުރުމުގެ މަސައްކަތް ފަށައިފައެވެ. ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިރު، އެ ޕާޓީން ވަނީ ސަރުކާރާއެކު ކޯލިޝަން ނުހަދާނެ ކަމަށް ބުނެފައެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިރު، އެ ޕާޓީންވެސް އަންނަނީ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ވަމުންނެވެ. އޭގެ އިތުރުން އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ގެންދަވަނީ ރިޔާސީ ރޭހަށް ނުކުންނެވުމަށް މަސައްކަތްކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު