ދިވެހި ސާފް ލީގުގެ ތިންވަނަ މުބާރާތް، ގާމާދޫކޮޅުގެ ޝޯޓްބޯޑު އޯޕަން ޑިވިޝަންގެ ކުއާޓާ ފައިނަލް ހީޓްތަކަށް، އަދި 18 އަހަރުން ދަށުގެ ޖޫނިއާ ޑިވިޝަންގެ ސެމީ ފައިނަލް ހީޓްތަކަށް ތައްޔާރުވެއްޖެއެވެ.

ކ. ހިންމަފުށީގައި މިހާރު ކުރިއަށްދާ ދިވެހި ސާފް ލީގުގެ ތިންވަނަ މުބާރާތް ކަމަށްވާ ގާމާދޫކޮޅުގެ ފިރިހެން ޑިވިޝަންގެ ކޮލިފިކޭޝަން ބުރުވެސް ނިމި، ފަސް ވަނަ ބުރުގެ ހީޓްތައް މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ. އެ ބުރަށްފަހު ކުއާޓާގެ ޖާގަތައް ޔަގީންވެފައިވާ އިރު، ކުއާޓާގެ ހީޓް އެކެއްގައި މާދަމާ ހުސައިން އަރީފް (އިބޫ) އާއި ވާދަކުރާނީ ހަސަން ނާސިހެވެ. ހީޓް ދޭއްގައި މިދިޔަ އަހަރުގެ ސާފިން ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) ވާދަކުރާނީ އާދަމް މުއީން އިބްރާހީމާ ދެކޮޅަށެވެ.

ކުއާޓާގެ ހީޓް ތިނެއްގައި ހޫދު އަހުމަދާއި އިބްރާހީމް އައިމަން އާރިފް ވާދަކުރާ އިރު، އެންމެ ފަހު ހީޓްގައި ވާދަކުރާނީ އަޒްލީ ނަސީމާއާއި އިސްމާއީލް މިގްލާލެވެ.

މުބާރާތުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލަށް ޝާނިފް ޝަފީގާއި ޔަސީން އަހުމަދު ނާޝިދު އަދި މުހައްމަދު އިނާން އަބްދުލް ހަންނާނާއި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ދަތުރުކޮށްފައިވާ އިރު، ހީޓް އެކެއްގައި ވާދަކުރާނީ ޝާނިފާއި ޔަސީނެވެ. ދެވަނަ ހީޓްގައި ކަޔާން ނުކުންނާނީ އިނާނާ ދެކޮޅަށެވެ.

އެންމެފަހުން ނިމިގެންދިޔަ މިއަހަރުގެ ސާފިން ލީގުގެ ދެވަނަ މުބާރާތް، މުލީކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން ހޯދީ އަންމަޑޭއެވެ. އެ މުބާރާތުގެ ޖޫނިއާ ބައިން ޗެމްޕިއަންކަން ހޯދީ ޝާނިފެވެ.