އާޖެންޓީނާއިން ރޭ ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުގައި އޮސްޓްރޭލިއާ ބަލިކޮށްފިއެވެ.
ޗައިނާގެ ވޯކާސް ސްޓޭޑިއަމްގައި އާޖެންޓީނާއިން އޮސްޓްރޭލިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި އޮސްޓްރޭލިއާ ވާދަކުރިފަހުން އެ ދެގައުމުން ވާދަކުރި ފުރަތަމަ މެޗެވެ. އާޖެންޓީނާ އާއި އޮސްޓްރޭލިއާއިން ވޯލްޑް ކަޕްގެ ގަދަ 16 ގައި ވާދަކޮށްފައިވާ އިރު، އެ މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ވޯލްޑް ކަޕްގައި ކުޅުނު މެޗުގައިވެސް އާޖެންޓީނާގެ ތަރި، ކެޕްޓަން ލިއޮނަލް މެސީ ގޯލު ޖަހާފައިވާ އިރު، ރޭގެ މެޗުގެ ކުރިން އޮސްޓްރޭލިއާގެ ކޯޗު ބުނީ ޓާގެޓަކީ އާޖެންޓީނާގެ ކިބައިން ބަދަލު ހިފައި، މެސީ ހިފެހެއްޓުން ކަމަށެވެ. އެކަން ކުރަން އޮސްޓްރޭލިއާއިން މެޗަށް ނުކުތް ނަމަވެސް، ދެވަނަ މިނެޓް ތެރޭގައި މެސީ ވަނީ އޮސްޓްރޭލިއާ ކޮޅަށް ހިތްގައިމު ގޯލެއް ޖަހައިފައެވެ.
އުމުރުން 35 އަހަރުގެ މެސީ، އޮސްޓްރޭލިއާ ދެ ކުޅުންތެރިން ނައްޓާލައި، އެއް މިނެޓް 19 ވަނަ ސިކުންތުގައި ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ މަތީ ކަނަށެވެ. އެ ގޯލަކީ މެސީގެ ކެރިއަރުގައި އޭނާ ޖެހި އެންމެ އަވަސް ގޯލެވެ.
ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ރޭގެ މެޗުގައި ޖެހި ދެވަނަ ގޯލަކީ ދެވަނަ ހާފުގައި ބަދަލަކަށް ނުކުތް ޖާމަން ޕަޒޭލާ ޖަހައިދިން ގޯލެކެވެ. ރޭގެ މެޗުގައި އޮސްޓްރޭލިއާއިން ތަނަވަސްކުރި އެންމެ ފަހި ފުރުސަތު، ފުރަތަމަ ހާފުގައި މިޗް ޑޫކަށް ލިބިފައިވާ އިރު، އޭނާގެ ހަމަލާ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް އަތުގައި ޖެހި އަމާޒުވީ ދަނޑިއަށެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު