މާލޭގައި އިއްޔެ ފެށި ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ބޫޓާން ކައިރިންވެސް ބަލިވެއްޖެއެވެ.
ފައިވް ނޭޝަންސް ކަޕްގައި ރާއްޖެއާއި ބޫޓާންގެ އިތުރުން ބަންގުލަދޭޝްއާއެކު ދެން ވާދަކުރަނީ ޕާކިސްތާނާއި ނޭޕާލެވެ. ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ރޭ ބަންގުލަދޭޝް ކައިރިން ބަލިވެފައިވާ އިރު، އެ މެޗުން ބަލިވީ 52-42 ޕޮއިންޓުންނެވެ. މިރޭ ރާއްޖެއިން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 60-50 ގެ ފަރަގަކުންނެވެ.
މިރޭގެ މެޗުގެ ފެށުންވެސް ރާއްޖެއަށްވީ އުނދަގޫ ފެށުމަކަށެވެ. ބޫޓާންގެ ފަހަތުން ރަނގަޅު ޑިފެންސްތަކެއް ކޮށްފައިވާ އިރު، ބޫޓާނުން ވަނީ 6-0 ގެ ލީޑެއްގައިވެސް މެޗު ލީޑު ކޮށްފައެވެ. މެޗުގެ ފުރަތަމަ ކުއާޓާ 15-7 ގެ ލީޑެއްގައި އޮވެ ބޫޓާނުން ނިންމާލި އިރު، ދެވަނަ ކުއާޓާގައިވެސް ރާއްޖެއަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ރާއްޖޭގެ އަބްދުﷲ އަމްޒަރާއި އަހުމަދު ޒަބީރު (ޒަބީ) ގެ ތުރީ ޕޮއިންޓް އެޓެމްޕްތައްވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދެވަނަ ކުއާޓާ ނިމުނީ 36-17 އިން ބޫޓާން ލީޑުގައި އޮވެގެންނެވެ.
ތިންވަނަ ކުއާޓާގައިވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އަމިއްލަ ގިނަ ގޯސްތަކެއް ފެނިގެންދިޔަ އިރު، އަދި ހާއްސަކޮށް ތުރީ ޕޮއިންޓް އެޓެމްޓްތައްވެސް ގިނައިން ބޭކާރު ވެގެން ދިޔައެވެ. ތިންވަނަ ކުއާޓާ 47-29 އިން ބޫޓާން ލީޑުކޮށް ނިންމާލި އިރު، ފަހު ކުއާޓާގައި ރާއްޖެއިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކުރިއެވެ. އެހެން ނަމަވެސް ފަރަގު އެހާބޮޑަށް ކުޑަ ނުކުރެވި، 60-50 އިން ބޫޓާނުން މެޗު ކާމިޔާބުކުރިއެވެ.
މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނު އަމްޒަރު، ފަސް ޕޮއިންޓް ސްކޯކޮށް، ހަ ރީބައުންޑް ފުރިހަމަ ކުރިއެވެ. ބޫޓާނަށް އެންމެ ރަނގަޅަށް ކުޅުނު ފުބް ޔެލް ޝެން ވަނީ 10 ޕޮއިންޓް ހޯދައި، 21 ރީބައުންޑް ފުރިހަމަކޮށްފައެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބޫޓާނުން ކުޅޭނީ ބަންގުލަދޭޝާ ދެކޮޅަށެވެ. މާދަމާރޭ ރާއްޖޭން ކުޅޭނީ ޕާކިސްތާނާ ދެކޮޅަށެވެ.
ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް
ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް
ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް
ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް