ރާއްޖޭގައި މިއަދު ފެށި ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބޫޓާނުން ނޭޕާލް ބަލިކޮށްފިއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ބައިނަލްއަގުވާމީ ފަސްވަނަ މުބާރާތް، ފައިވް ނޭޝަންސް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް މިއަދު ހަވީރު ފަށާފައިވާ އިރު، މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބޫޓާނާއި ނޭޕާލް، ބަންގުލަދޭޝް އަދި ޕާކިސްތާނެވެ.

ކުޅިވަރު އެކުވެނީގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބޫޓާނުން ނޭޕާލްގެ މައްޗަށް ކުރި ހޯދީ 61-55 ޕޮއިންޓުންނެވެ. މެޗުގެ ހަތަރު ކުއާޓާގައިވެސް ބޫޓާނުން ރަނގަޅަށް ކުޅެ، ނޭޕާލަށް މެޗަށް ވަނުމަށް މާ ބޮޑު ފުރުސަތެއް ދީފައިނުވާ އިރު، މެޗުގައި ނޭޕާލަށް ލީޑުގައިވެސް ކުޅެވިފައެއް ނުވެއެވެ.

މިއަދުގެ މެޗު ފަށައިގެން ރަނގަޅަށް ކުޅެމުންދިޔައީ ބޫޓާނުންނެވެ. ފުރަތަމަ ހަ ޕޮއިންޓުގެ ލީޑެއް އެޓީމުން ނަގާފައިވާ އިރު، ކެޕްޓަން ރިޗެން ޑޯޖީގެ ރަނގަޅު ކުޅުން ފާހަގަކޮށްލެވުނެވެ. ފަހަތުން ރަނގަޅު ރީބައުންޑްތަކެއް ނަގައި، ކުރިއަށްގޮސް އެޓޭކް ކުރުމުގައިވެސް ރިޗެން ފާހަގަކޮށްލެވުނު އިރު، މެޗުގައި ލީޑެއް ހޯދުމާ ނޭޕާލަށް އެންމެ ގާތަށްވެސް ޖެހިލެވުނީ ފުރަތަމަ ކުއާޓާގައެވެ. އެޓީމުން 6-6 އިން ނަތީޖާ އެއްވަރުކުރި ނަމަވެސް ބޫޓާނުން ވަނީ 13-21 އިން ކުރީގައި އޮވެ ކުއާޓާ ނިންމާލައިފައެވެ.

ދެވަނަ ކުއާޓާއަށް ނުކުމެ، ނޭޕާލުން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކޮށްފައިވާ އިރު، ނޭޕާލްގެ ސާދިޝް އެ ކުއާޓާގައި ރަނގަޅު ތުރީ ޕޮއިންޓްތަކެއް ނެގިއެވެ. އެހެން ނަމަވެސް، ބޫޓާނުން ދެވަނަ ކުއާޓާ ނިންމާލީވެސް ލީޑުގައެވެ. އެއީ 36-26 އިން ލީޑުކޮށް، 10 ޕޮއިންޓް ފަރަގެއްގައެވެ.

ތިންވަނަ ކުއާޓާ ބޫޓާނުން 42-48 އިން ލީޑުގައި އޮވެ ނިންމާލި އިރު، ފަހު ކުއާޓާގައި ބޫޓާން ފެނުނީވެސް ހަމަޖެހިލައިގެން ކުޅުނުތަނެވެ. އެޓީމުން ފަހުކޮޅުގައި ބޮޑަށް ޑިފެންސަށް ސަމާލުކަންދީ ކެޕްޓަން ރިޗެންވެސް ބެހެއްޓީ ފަހަތުގައެވެ. ފަސޭހަކޮށް ކުޅެލައި، ބޫޓާނުން ހަތަރުވަނަ ކުއާޓާ ނިންމާލީ 61-55 އިންނެވެ.

މުބާރާތުގައި މިރޭ އޮންނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބަންގުލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިރޭ 8:30 ގައެވެ.