ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް، ވިނީޝިއަސް ޖޫނިއާއަށް ހިތްވަރު ދޭން ސްޕެއިނާއި ބްރެޒިލުން އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައިފިއެވެ.
ބްރެޒިލާއި ސްޕެއިން ކުޅޭ އެކުވެރިކަމުގެ މެޗަކީ ވިނީޝިއަސްއަށް ލަލީގާގައި ކުރިމަތިވި ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން، އޭނާއާ އެކު ގައުމީ ޓީމުތަކުން ތިބިކަން ހާމަކޮށްދޭން ކުޅެން ހަމަޖެއްސި މެޗެކެވެ. އެ މެޗު އޮންނާނީ އަންނަ މާޗު މަހު، ރެއާލްގެ ދަނޑު ކަމަށްވާ ސަންތިއޭގޯ ބާނަބޭއޫގައެވެ.
ސްޕެއިންގެ ރެއާލްއަށް ކުޅެމުންދާ ވިނީޝިއަސްއަށް މިދިޔަ ސީޒަނުގެ ތެރޭގައި ބައެއް ސަޕޯޓަރުންގެ ފަރާތުން ދެތިން ފަހަރެއްގެ މަތިން ނަސްލީ ދިމާކުރުންތަކާ ކުރިމަތިވެފައިވެއެވެ. ވިނީޝިއަސްއަށް އަމާޒުކޮށް ރެއާލް ތަމްރީނު ހަދާ ސެންޓަރުގައިވެސް ނަސްލީ ދިމާކުރުންތައް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ބަހައްޓާފައިވާ އިރު، އޭގެ ފަހުން ރެއާލްއިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެލެންސިއާ ސަޕޯޓަރުންގެ ފަރާތުންވެސް ވިނީޝިއަސްއަށް ވަނީ ނަސްލީގޮތުން ދިމާކޮށްލައިފައެވެ.
އެ މައްސަލަ ބަލައި، ލަލީގާއިން ފިޔަވަޅު އަޅައި، ސްޕެއިންގެ ފުލުހުން ހަ މީހަކު ހައްޔަރުވެސް ކޮށްފައިވެއެވެ. އަދި އެ މީހުންގެ މައްޗަށް ބައެއް އަދަބުތައްވެސް ދީފައިވެއެވެ.
ވިނީޝިއަސްއަށް ހިތްވަރު ދިނުމަށް ކުޅޭ މެޗާ ގުޅޭގޮތުން ސްޕެއިން އެފްއޭގެ ރައީސް ލުއިސް ރުބިއަލޭސް ވިދާޅުވީ، ނަސްލީ ތަފާތުކުރުންތަކަށް ފުޓުބޯޅައިގައި ޖާގަ ނޯންނާނެ ކަމަށާއި އެކަހަލަ މައްސަލަތަކުގައި ދޭ އަދަބުތައްވެސް ބޮޑުކުރަން ޖެހޭ ކަމަށެވެ.
ސްޕެއިނާއި ބްރެޒިލްގެ ފުޓުބޯޅަ އިދާރާއިން ގުޅިގެން "ވަން ސްކިން" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ތައާރަފުކޮށްފައިވާ އިރު، އެ ކެމްޕޭނުގެ ދަށުން ކުޅުންތެރިންނަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދަން ދެ ފެޑެރޭޝަނުން އެކުވެ މަސައްކަތްތަކެއް ކުރާނެ ކަމަށް ބުނެފައިވެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު