ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، އެމްޑީޕީގެ ރައިސް މުހައްމަދު ނަޝީދު ދުރުކުރުމަށް ގޮވާލައި، ސޯސަންމަގުގައި ހުންނަ އެ ޕާޓީގެ އޮފީސް ކުރިމަތީގައި އިހުތިޖާޖުކޮށްފިއެވެ.
އެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އެވެ.
އެ އިހުތިޖާޖުގެ ބައިވެރިން އިހުތިޖާޖުކޮށްފައި ވަނީ "މަޖިލިސް ރިޔާސަތު ސާފުކުރޭ" ޖަހާފައިވާ ޕޯސްޓަރުތަކެއް ހިފައިގެންނެވެ.
ރީކޯ މޫސަ "ވަން" އަށް މިއަދު ވިދާޅުވީ، އެ އިހުތިޖާޖަކީ އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައިގެން ނަޝީދު މަޖިލިސް ހުއްޓުވާލައިގެން އުޅުއްވާތީ އެކަން އެމްޑީޕީއާ އެމްޑީޕީގެ ޕީޖީ މެންބަރުންގެ ސަމާލުކަމަށް ގެނައުމަށް ކުރި އިހުތިޖާޖެއް ކަމަށެވެ.
"މިއީ މާ ބޮޑު އިހުތިޖާހެއް ނޫން. އެ އަޑު ހަމަ ޕާޓީއަށް އަންގާލުމަށް ކުރާ ކަމެއް. ދެން އަޅުގަނޑުމެން ގަބޫލުކުރަނީ އެ އަޑު އެމްޑީޕީން އަހާނެ ކަމަށް" މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބު އޮންނަ އަހަރުގައި މަޖިލިސް ކުރިއަށް ނުގެންގޮސް މަޖިލީހުގައި ޑެޑްލޮކެއް އަޅުވައިގެން އުޅުމަކީ، އެކަމުގެ ގެއްލުން އެތައް ރައްޔިތުންނަކަށް ކުރާނެ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު