ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެމްޑީޕީ މަޖިލިސް މެމްބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށުމުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަފީފު ކަމަށް، ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ އިއުލާން ކުރައްވައިފައެވެ.

ޖަލްސާއަށް އެކަން އިއުލާން ކުރައްވަމުން ނިއުޝާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ލިބިފައިވާތީ، އެ ކަަމަށް ގޮތެއް ނިމެންދެން އަދި މަޖިލީހުން އިތުރު ގޮތެއް ކަނޑައެޅުމުގެ ކުރިން މަޖިލީހުގެ މަޖިލިސް ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން އުޒުރުވެރިވާ ކަމަށް އެ ދެބޭފުޅުން އަންގަވާފައިވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ މާއްދާގެ (ބ) ގެ ދަަށުން ޖަލްސާގެ ރިޔާސަތަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަޑައިގެންނެވުމަށް ނިއުޝާ އެދިވަޑައިގެންނެވިއެވެ.

އަފީފް ރިޔާސަތަށް ވަޑައިގެން މިއަދުގެ އެޖެންޑާ އިއުލާން ކުރެއްވި ހިސާބުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވިއެވެ.

ފުރަތަމަ ނިޒާމީ ނުކުތާ ނެންގެވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީއެވެ. ރިޔާސަތުން ވާހަކަ ދައްކާއިރު ނިޒާމީ ނުކުތާ ނުނެގޭނެ ކަމަށް ވިދާޅުވެ މުގުނީއަށް އެފުރުސަތެއް ނުދެއްވިއެވެ.

ނަމަވެސް މަރުހޫމް އަބުދުﷲ ޖަމީލުގެ ހަނދާނުގައި ސުކޫތެއް ގެނައުމުގެ ފަހުން، ނިޒާމީ ނުކުތާގެ އޮއިވަރެއް މަޖިލިސް ތަޅުމުގައި ފެށުނެވެ.

ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވި އެމްޑީޕީ މެންބަރުން މަޖިލިސް ގަވާއިދާ ހަވާލާ ދެއްވައި، އާއްމު ގޮތެއްގައި ފާހަގަ ކުރައްވަމުން ގެންދެވީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް އެ މައްސަލަ ނުނިންމައި، އެހެން މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާގައި ނުހިމަނައި މިއަދުގެ ޖަލްސާގެ އެެޖެންޑާ އެކުލަވައިލި ގޮތާއި މަޖިލީހުގެ ރިޔާސަތު އަފީފާ ހަވާލުކުރަން ޖެހުނުގޮތާ މެދުގައެވެ.

އެންމެ ފުރަތަމަ ނިޒާމީ ނުކުތާ ނެންގެވި މުގުނީ ސުވާލު ކުރެއްވީ، މަޖިލިސްގެ ރައީސް އާއި ނާއިބު ރައީސް ހޮވަން ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އަފީފު އިންނަވަނިކޮށް އެހެން މެންބަރަކު ރިޔާސަތު ބަލަހައްޓަވާފައިވާ ކަމަށެވެ. އަދި މަޖިލިސް ރައީސް އާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގެންފައިވާ އިރު، މަޖިލީހުގެ ރިޔާސަތު މިފަހަރު އަފީފަށް ދެއްވީ ކޮންގޮތަކަށް ބެލުމަށްފަހުގއއިތޯ ސުވާލު ކުރެއްވިއެވެ.

މަޖިލިސް ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ އެވަގުތު މަޖިލީހުގައި އެންމެ ގިނަ ދައުރު އަދާކުރެއްވި މެންބަރު ކަމަށް މަޖިލިސް ގަވާއިދުގައި އޮންނަ އުސޫލުގެ ދަށުން އެދުވަހު މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު (ސަން ސިޔާމު) އެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުވެސް ހަމަ އެ ނުކުތާ ފާހަގަ ކުރެއްވިއެވެ.

އަފީފު ވިދާޅުވީ، އެއީ މަޖިލިސް ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރަން ބޭއްވި ޖަލްސާއެއް ކަމަށެވެ. އަދި އެ ޖަލްސާ އާއި މިޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުގެ ތަފާތު ދެނެގަތުމަށް މަޖިލިސް ގަވާއިދު ބައްލަވައިލެއްވުމަށް މެންބަރުންނަށް ދެންނެވިއެވެ.

މަޖިލިސް ގަވާއިދުގެ 205 މައްދާއަށް ހަވާލާދެއްވައި، މަޖިލިސް ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިންމައި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވާ މެންބަރުންނަށް އަފީފު ވިދާޅުވީ، އެ މައްސަލައަށް ވަގުތު ކަނޑައެޅިފައިނުވާ ކަމަށާއި އެއީ ކޮމިޓީގެ ކަމެއް ކަމަށެވެ. އަދި ކޮމިޓީތައް އެކުލަވާލުމަކީ ސިިޔާސީ ޕާޓީތައް އެއްބަސްވެގެން ނިންމަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އަފީފަށް ރައްދު ދެއްވުމުގެ ގޮތުން ނިޒާމީ ނުކުތާ ނެންގެވި މެންބަރުން 149 ވަނަ މާއްދާއަށް ހަވާލާދެއްވައި ވިދާޅުވީ ކޮމިޓީތަކަކީ މަސައްކަތް މެދުނުކެނޑޭނެ ގޮތުގެ މަތިން، ހަލުވި މިންގަނޑެއްގައި ހަރަކާތްތެރިވަމުންދާ ކޮމިޓީތަކަށް ވާންވާނެ ކަމަށް ބުނާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން މެންބަރުން އިސްތިއުފާދިނަސް ކޮމިޓީތައް ހިނގަންވާނެ ކަމަށާއި މަދުވާ މެންބަރުން ކޮމިޓީތަކަށް ލުމުގެ ބާރު މަޖިލީހުގެ ގަވާއިދުގެ ދަށުން ޕާޓީތަކަށް ލިބިގެންވާ ކަމަށްވެސް ވިދާޅުވިއެވެ.

ނިޒާމީ މައްސަލައިގެ އަޑުގަދަ ކުރުމާ ހެދި މިއަދުގެ ޖަލްސާގެ މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި އެ މަސައްކަތްވެސް ކުރިއަކަށް ނުގެންދެވުނެވެ.

މިއަދުގެ ޖަލްސާގައި ކާޑެއްދޫ އެއާޕޯޓުގެ ތަރައްގީގެ ޕްލޭނާ ބެހޭގޮތުން ޓްރާންސްޕޯޓް މިިނިސްޓަރު އާއިޝަތު ނަހުލާއާ ސުވާލުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫ އުތުރު ދާިއރާގެ މެންބަރު އަބްދުލް މުގުނީއެވެ.

ޖަލްސާގައި އެންމެ ފުރަތަމަ ނިޒާމީ ނުކުތާ ނެންގެވީވެސް މުގުނީއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތަށް އަފީފު ވަޑައިގެންނެވި ގޮތް މަޖިލީހުގެ ރެކޯޑަށްޓަކައި ވިދާޅުވެދެއްވުމުން ކަމަށެވެ.

ނަމަވެސް އަފީފު ވިދާޅުވީ މެމްބަރު، މިނިސްޓަރާ ސުވާލު ކުރަން ބޭނުން ނޫންނަމަ، މަޖިލީހުން ވަޑައިގަތުމަށް މިނިސްޓަރު ނަހުލާއަށް ދަންނަވާ ކަމަށެވެ. އަދި އެހެން ދުވަހަކުން އެ ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް ދަންނަވާނެ ކަމަށް ވިދާޅުވެ އަފީފު މިނިސްޓަރު ނަހުލާ ފޮނުއްވައިލެއްވިއެވެ.

މެންބަރުންގެ އަޑުގަދަ ކުރައްވަމނުް ގެންދެވުމާއި، ނިޒާމީ ނުކުތާގެ ސަބަބުން ކުރިއަށް ނުގެންދެވިގެން 9:30 އއެހާކަންހާއިރު ފަސްމިނިޓަށް އަފީފު ޖަލްސާ މެދު ކަނޑުއްވައިލެއްވިއެވެ.

ދެން ޖަލްސާ ފެށީ ބައިގަޑިއެއްހާއިރު ފަހުން ދިހައެއް ޖަހަން އުޅެނިކޮށެވެ.

ޖަލްސާ ފެށުމަށްފަހު އިދިކޮޅު ޕީއެންސީގެ މެންބަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހަޅުއްވަން އަފީފު ފުރުސަތު ދެއްވިއެވެ. އެ ކުއްލި މައްސަލައިގައި ވަނީ ސަރުކާރުން ބަދަލުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ހުރިހާ ކުންފުނިތަކާއި އެ ކުންފުިތަކަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ހާމަކުރުމަށް ގޮވާލައިފައެވެ.

އެހިސާބުން އެމްޑީޕީ މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށީއެވެ. އަދި އަފީފަށް "މުގާބޭ" އޭ ގޮވައި މަޖިލީހުގެ ރިޔާސަތުން ފޭމުބަށްވެސް ގޮވިއެވެ.

އަފީފު ވަނީ އެހިސާބުން ޖަލްސާ ނިންމަވާލައްވައިފައެވެ.